04 Feb 2013, 14:03
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކޯސްތަކުން ނަގާ ފީގެ އަގުތައް ކުއްލި އަކަށް ބޮޑުކުރުމާ ގުޅިގެން އެ އެތަނުގައި ކިޔަވަމުންގެންދާ ދަރިވަރުން އެކަން ހައްލުކޮށްދިނުން އެދި ޔުނިވާސިޓީގެ ޗާންސެލާގެ އަރިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ހާހަކަށް ވުރެ ގިނަ ދަރިވަރުން ސޮއިކޮށްފައިވާ އެ ޕެޓިޝަންގައި ދަރުވަރުންގެ ފަރާތުން ފަސް ކަމެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ދަރިވަރުން ފާހަގަ ކޮށްފައި ވަނީ، 30 ޖޫން 2012ގައި ފާސްކޮށްފައިވާ "ޔުނިވާސިޓީން ކޯސްތަކުން ނަގާ ފީއާ ބެހޭ ސިޔާސަތު" ވަގުތުން ވަގުތަށް މުރާޖައާ ކުރުމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ދަރިވަރުން އެދިފައި ވަނީ، ޔުނިވާސިޓީގެ ކައުންސިލުން ފާސްކޮށްފައިވާ ސިޔާސަތުގެ ސަބަބުން 2013 ވަނަ އަހަރުގެ ކުރިން އެ ޔުނިވަސިޓީގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ތެރެއިން ކޯސްފީ ބޮޑުވި ދަރިވަރުންގެ ފީތައް އެ ދަރިވަރުން ކޯސްތައް ފެށި އިރު ވެސް ހުރި ހަމައިގައި ހިފަހައްޓައި ދިނުމަށެވެ.
ޔުނިވާސިޓީގެ ދަރިވަރުން ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އަލަށް އިސްލާހު ގެނެވުނު ގައުމީ ޔުނިވާސިޓީގެ ކޯސްތަކުން ފީނެގުމާ ބެހޭ ސިޔާސަތުގެ އަށް ވަނަ މާއްދާގައި "ހާލަތެއް ބަދަލުވުމުގެ ސަބަބުން ނުވަތަ އެނޫން ސަބަބަކާ ހުރެ ވިޔަސް، ކުރިން އެންގުމަކާ ނުލައި ފީއަށް ބަދަލު ގެނައުމަކީ ޔުނިވާސިޓީ އަށް ލިބިގެންވާ ހައްގެކެވެ،" ބުނާ ބައި އެއްކޮށް އުވާލައި ދަރިވަރުން ޔުނިވާސިޓީއާ ގުޅޭ އިރު އެ ހަމަޖައްސާ ފީ އިތުރަށް ބޮޑު ނުވާނޭ ގޮތަކަށް ހަމަޖައްސައި ދިނުމެވެ.
ހަތަރު ވަނަ ކަމެއްގެ ގޮތުގައި ދަރިވަރުން އެދިފައި ވަނީ ކޯސްފީއާ ބެހޭ ސިޔާސަތު މުރާޖައާކޮށް ވަކިގޮތެއް ނިމެންދެން ފީނެގުން މަޑު ޖައްސާލަ ދިނުމަށެވެ. އަދި ފަސް ވަނަ ކަމެއްގެ ގޮތުގައި ދަރިވަރުން އެދިފައިވާ ކަންތައް ވަކިގޮތތަކަށް ހަމަޖެހެންދެން އެ މުއްދަތުގެ ތެރޭގައި ދަރިވަރުންނަށް ޔުނިވާސިޓީގެ ހުރިހާ ހިދުމަތެއް ބޭނުން ކުރުމާއި އަދި ކޯސްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުރިހާ ދަރިވަރުންނަށް ލިބޭނޭ ގޮތަށް ކަންތައްތައް މަގުފަހިކޮށްދިނުމަށް އެދިފައިވެ އެވެ.
ޔުނިވާސިޓީގެ ބައެއް ދަރިވަރުން ބުނެފައި ވަނީ ކޯސްފީގެ ސިޔާސަތަށް ގެނައި ބަދަލާ އެކު ދަރިވަރުންނަށް ބޮޑު ސިހުމެއް ލިބިފައިވާ ކަމަށާއި އަދި އޭގެ ސަބަބުން ބައެއް ދަރިވަރުން މަތީތައުލީމު ހާސިލްކުރުމަށް ކުރަމުން ގެންދިޔަ ބުރަ މަސައްކަތަށް ހިޔަނި އެޅިފައިވާ ކަމަށެވެ.
"އަޅުގަނޑު ފާހަގަ ކޮށްލަން ބައެއް ކޯސްތަކުން 300 އިންސައްތައިން ބޮޑުވެގެން ދިޔަ. މިސާލެއްގެ ގޮތުން ދަންނަވާލާނަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯއިން ހިންގަމުންގެން ދިޔަ ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ކޯހުގެ ފީ11520ރ. އަށް 2012ގައި ކޯސް ފެށުނު އިރު ހުރެފައި މިހާރު ވަނީ 38000ރ. އަށް ބޮޑުވެގެން ގޮސްފައި،" ޝަރީއާ އެންޑް ލޯގައި ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.
އަދި ގައުމީ ޔުނިވާސިޓީގެ ދަރުވަރުން ބުނީ، ކުއްލި އަކަށް އެނގުމަކާ ނުލައި އެގޮތަށް ފީތައް ބޮޑުވެގެން ދިއުމަކީ ދަރިވަރުންނަށް ލިބުނު އިންތިހާއަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ޔުނިވާސިޓީގެ ދަރިވަރުން އިތުރަށް ހާމަކުރި ގޮތުގައި އެ މުއްސަސާގެ ކައުންސިލުން ގޮތެއް ނިންމަންދެން މިއަދު މެންދުރު ފަހު 3:15ން ފެށިގެން ފަރިވަރުން ޔުނިވާސިޓީ ކައިރީގައި އިހްތިޖާޖު ކުރުން އޮންނާނެ އެވެ.