ރާއްޖޭގެ ތާރީހުގައި މުހިއްމު ރަށެއް ކަމަށްވާ ހއ. އުތީމާ އެކު އިތުރު ތިން ރަށެއްގެ ބަނދަރު ހެދުމުގެ އެއް ބަސްވުމުގައި ތިން ކުންފުންޏަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސޮއިކޮށްފައި ވަނީ އުތީމުގެ އިތުރުން ލ. ދަނބިދޫ އަދި ލ. މާވަށުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގަ އެވެ.

ހއ. އުތީމުގައި ހެދާ 500 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 25 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ހެވީފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޒަމީރެވެ.

އުތީމު ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

ލ. ދަނބިދޫގައި މިހާރު އޮތް ބަނދަރު ހަލާކުވެފައި ވާތީ އެ ރަށުގައި އަލުން ހެދުމަށް ހަމަޖެހިފައިވާ 450 ފޫޓް ދިގު، 250 ފޫޓް ފުޅާ ބަނދަރުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 29.7 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައި ވަނީ އެމްޓީސީއާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހުމަދު އާދްހަމް އަބުދުﷲ އެވެ.

އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާޗް 20 ގަ އެވެ.

ލ. މާވަށުގައި އޮތް ބަނދަރު ހަލާކުވެފައި ވާތީ އަލުން ހެދުމަށް ހަމަޖެހިފައިވާ 800 ފޫޓް ދިގު، 300 ފޫޓް ފުޅާ ބަނދަރުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 28.2 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގައި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބުދުﷲ މުހައްމަދު އެވެ.
މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މާޗް 15 ގަ އެވެ.

ތިން އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ދރ. މުހައްމަދު މުއިއްޒު އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިތިން ރަށުގެ ބަނދަރުގެ މަސައްކަތަށް ވެސް ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިސަރުކާރުގެ ބަޖެޓުން ކަމަށެވެ.

ތާރީހީ ރަށް އުތީމުގެ ބަނދަރު ހެދުމަށް ވޭތުވެ ދިޔަ ސަރުކާރުތަކުން ފަސް ޖެހިފައި ވަނީ އެ ރަށުގައިވާ ތާރީހީ ތުނޑި ހަލާކުވެ، ރަށުގެ ތިމާވެށްޓަށް ބަދަލުތަކެއް އަތުވެދާނެ ކަމުގެ ބިރަށް ކަމަށްވާ އިރު ބަނދަރު ހެދުމަށް ނިންމެވީ އެފަދަ ބަދަލެއް ނާންނާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަން ލިބިގެންތޯ ސަން އިން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ތިޔަ ހުރިހާ ކަމަކަށް ވެސް ވިސްނިން، އިރާދަކުރެއްވިއްޔާ ތިޔަ ވިދާޅުވި ފަދަ ގެއްލުމެއް ނުވާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އީއައިއޭ (އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް) ހަދާ އިރު ވެސް އެކަމަށް ވިސްނާނެ ކަމަށާއި ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ އެގޮތުން ބަލާ އިރު އެންމެ ގެއްލުން ކުޑަވާނެ ސަރަހައްދު ކަމަށެވެ.