ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) ގެ ތަރުޖަމާނަކަށް މި ސަރުކާރުގައި ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނަށް ކުރީގައި ހުންނެވި އައްބާސް އާދިލް ރިޒާ ހަމަ ޖައްސަވައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި މިހާރު ހުންނެވި އައްބާސް މިއަދު ވިދާޅުވީ އޭނާ ޖީއައިޕީގެ ސްޕޯކްސް ޕާސަންގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

" ޕާޓީގެ ކައުންސިލުން ވަނީ އަޅުގަނޑަކީ ޕާޓީގެ ސްޕޯކްސް ޕާސަން ކަމަށް ހަމަ ޖައްސަވާފައި. އަޅުގަނޑު މަސްއޫލިޔަތާ އެކު ކުރިއަށްދާނަން. ޕާޓީގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. ރައީސް ވަހީދު އިތުރަށް ވެރިކަމުގައި ހުންނަ ބޭނުންވާ ތަން ރަށް ރަށުން ވެސް ފެންނަމުން އެބަ ދޭ،" ދާދި ފަހުން ގައުމީ އިއްތިހާދާ ގުޅިވަޑައިގެންނެވި އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަންކުރީ އެޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ކުރިން ހުންނެވި، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މުޝީރު އަހްމަދު ތައުފީގް ( ޓޯޕީ) އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ގައުމީ އިއްތިހާދާ ގުޅިވަޑައިގެންނެވުމުގެ ކުރިން ޖުމްހޫރީ ޕާޓީގައި ހުންނެވި އައްބާސް ޖޭއައިޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ މަހުގަ އެވެ.