އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ށ. ފީވަކުގައި ފަޔާ ފައިޓިން ޔުނިޓެއް އުފައްދާ ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރުން ތައާރަފް ކޮށްފި އެވެ.

ށ. ފީވަކުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގައި އަލަށް ފަޔާ ފައިޓިން ޔުނިޓެއް ގާއިމް ކޮށްދެއްވައި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރުން ތަޢާރަފްކޮށް އިފްތިތާހު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ކޮމިއުނިޓީ ފަޔާ ފައިޓަރުން އުފެއްދުމަކީ ވަރަށް ކުރިން ވެސް ގެންގުޅުއްވި ވިސްނުންފުޅެއް ކަމަށާއި ނަމަވެސް އެކަން ލަސްވެފައި ވަނީ ރާއްޖޭގެ މަޝްރަހު އޮތް ގޮތުން އެފަދަ ކަމަކަށް އެކަށީގެންވާ ރަށެއް އިޚްތިޔާރު ކުރަން އުނދަގޫ ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ފީވަކުގައި އެފަދަ ޔުނިޓެއް ގާއިމްކޮށް ފަޔާ ފައިޓަރުން ގާއިމް ކުރުމަށް ނިންމެވީ މީގެ ކުރިން އެ ރަށުގައި ހިންގާފައިވާ ޕްރޮގްރާމްތަކުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ފީވަކަކީ އެފަދަ ކަމެއް ކުރެވިދާނެ ރަށެއްކަމަށް ދެކެވަޑައިގެން ފީވަކަށް އިސްކަން ދެއްވީ ކަމަށް ވިދާޅުވި އެވެ.

ފީވަކުގައި ގާއިމްކުރި ފަޔާ ފައިޓިން ޔުނިޓަށް ސަރުކާރުން ވަނީ ހަތަރު ފުރޮޅުލީ ކުޑަ ވެހިކަލް އަކާއި ފަޔާ ޕަމްޕެއްގެ އިތުރުން އަލިފާން ނިއްވަން ބޭނުންކުރާނެ ހޮޅިތަކެއް ވެސް ހަދިޔާ ކޮށްފަ އެވެ. ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް އެމަނިކުފާނަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި އަލަށް އުފެއްދި ފަޔާ ފައިޓަރުންނަށް މިއަށް ވުރެ އެޑްވާންސް ކޯހެއް ހިންގައިގެން ފަޔާ ފައިޓަރުން އިތުރަށް ތަމްރީންކުރުމާއި ރިފްރެޝް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

"މިއަދު ފީވަކަށް ކުޑަވެހިކަލް އަކާއި ޕަމްޕެއް ދީގެން ފަޔާ ފައިޓިންގް ކުޑަ ޔުނިޓެއް ޤާއިމު ކުރިކަމުގައިވި އަސް މިއީ އަދި ނިމުމެއް ނޫން. މިކަން އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ބަޖެޓް ހުރި ގޮތުން ހުރިހާ އެއްޗެއް ހޯދައި ނުދެވިދާނެ. އެހެން ނަމަވެސް އެކިފަރާތްތަކާއި ވާހަކަ ދައްކައިގެން ފީވަކުގެ ފަޔާ ފައިޓިންގް ތަރައްޤީ ކުރުމަށް ތަކެތި ހޯދިދާނެ،" ޝިޔާމް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ފީވަކުގެ ކައުންސިލާއި ރަށުގެ ޒިންމާދާރު ވެރިންނާއި ރައްޔިތުން ގުޅިގެން އެއްބައިވަންތަ އެއް ބައެއް ވަންތަ ބައެއްގެ ގޮތުގައި ތާއަބަދު ދެމި ތިމުމަށްވެސް ގޮވާ ލައްވާ ކަމަށެވެ.