އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އިނގިރޭސި ފައުޖުތަކުގެ އަސްކަރީ އޮޕަރޭޝަން ތަކުގެ އިސް ސަފުގައި މިނީ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށާފައިވާ ކަމަށް އެފަރާތުން ބުނެފި އެވެ.

ނޯވޭގެ ފަރުމާއެއް ކަމަށްވާ "ބްލެކް ހޯނެޓް ނެނޯ"ގެ ނަން ދީފައިވާ އެ ކުޑަކުޑަ ހެލިކޮޕްޓަރުގައި ހަރުކޮށްފައިވާ ކެމެރާއެއްގެ އެހީގައި ވީޑިއޯ ކުރުމާއި ފޮޓޯ ނެގުމުގެ ގާބިލުކަން އެއަށް ލިބިފައިވާ އިރު އެ ހެލިކޮޕްޓަރު ބޭނުން ކުރަނީ އިދިކޮޅު ހަނގުރާމަވެރިން ފިލަން ވަދެ ތިބޭ ތަންތަން ހޯދުމަށާއި ޖާސޫސު ކުރުމަށެވެ.

ބްލެކް ހޯނެޓް ނެނޯގެ ދިގުމިނުގައި ހަތަރު އިންޗި ހުންނަ އިރު އޭގެ ފުޅާމިނުގައި ހުންނަނީ އެއް އިންޗި އެވެ. އަދި ބަރުދަނުގައި އެންމެ ސޯޅަ ގްރާމް ހުންނަ މި އުޅަނދު އިނގިރޭސި ސިފައިން އަފްގާނިންސްތާނުގައި ބޭނުން ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރު ކަމަށް އިނގިރޭސި ސިފައިންގެ ތަރުޖަމާނަކު ކަށަވަރު ކޮށްދީފައި ވެއެވެ. އަދި އިނގިރޭސި ސިފައިން ވެގެން ގޮސްފައިވަނީ ހަނގުރާމައިގައި މިފަދަ ހެލިކޮޕްޓަރެއް ބޭނުން ކުރަންފެށި ފުރަތަމަ އަސްކަރިއްޔާ ކަމުގަ އެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުގައި ހަނގުރާމައިގެ މައިދާނުގައާއި އަދި ސަވައިލެންސް އެކިއެކި ބޭނުންތަކުގައި އިނގިރޭސި ސިފައިން ބޭނުން ކުރަން ފަށާފައިވާ ކުދިކުދި ހެލިކޮޕްޓަރު ތަކަކީ ހަނގުރާމައިގެ އެންމެ ނުރައްކާ ދަނޑިވަޅުގައާއި އަދި މޫސުން ގޯސް ވަގުތު ތަކުގައިވެސް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ހަކަތައިގެ ގޮތުގައި ބެޓްރީއެއް ބޭނުން ކުރާ ބްލެކް ހޯނެޓްގެ ބެޓްރީ ޗާޖު ގާތްގަނޑަކަށް 30 މިނިޓު ވަންދެން ހިފަހައްޓާއިރު ގަޑިއަކު 35 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މި ކުޑަ އުޅަނދަށް ބައިމޭލު ދުރުމިނަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިދީފައި ވެއެވެ. އަދި ހަމަ އެއާ އެކު ރިމޯޓެއް ބޭނުން ކޮށްގެން ޑައިރެކްޓް ކޮށް ކޮންޓްރޯލް ކުރެވޭ އެ އުޅަނދަށް ޖީޕީއެސްގެ އެހީގައި ޕްރޮގްރާމް ކޮށްގެން މަސައްކަތް ކުރުމުގެ ކުޅަދާނަކަން ވެސް ދީފައި ވެއެވެ.

އިނގިރޭސި ޑިފެންސް މިނިސްޓްރީ މިހާރުވަނީ ބްލެކް ހޯނެޓް މިނީ ޑްރޯންގެ 160 ހެލިކޮޕްޓަރު ގަތުމަށް ނިންމާފަ އެވެ. އެގޮތުން އެގައުމުގެ ސަރޭގެ މަލްބަރާ ކޮމިއުނިކޭޝަން އާއި އެކު ބްލެކް ހޯނެޓް އުފެއްދުމަށާއި އަދި އޭތި މަރާމާތުކޮށް ބެލެހެއްޓުމަށް ވަނީ 20 މިލިޔަން ޕައުންޑުގެ އެއްބަސް ވުމެއް ގާއިމްކޮށްފަ އެވެ.

އަފްގާނިސްތާނުގައި ހަރަކާތްރިވާ އިނގިރޭސި ބްރިގޭޑް ރިކޮނިސެންސް ފޯސްގެ ސާޖަންޓެއްކަމަށްވާ ކްރިސްޓޮފާ ޕީތަބްރިޖް ބުނެފައިވަނީ ހަނގުރާމައިގެ މައިދާނުގައި އެއްތަނުން އަނެއްތަނަށް ހަރަކާތްތެރިވުމުގެ ކުރިން އެތަންތަނުގެ ހާލަތު ބެލުމަށްޓަކައި ބޭނުންކުރާ ބްލެކް ހޯނެޓަކީ ފަހަކަށް އައިސް އެމީހުންނަށް ލިބުނު އެންމެ ރަނގަޅު އެސެޓް ކަމަށާއި އަދި އެއީ ހައިރާން ކުރުވަނިވިފަދަ ގާބިލު ކަމެއް ލިބިފައިވާ ކުޑަކުޑަ އާލާތެއް ކަމަށެވެ.