ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އެމްއެންޑީއެފްއާ ދެކޮޅަށް ކުޅެ ޕޮލިސް މޮޅުވެއްޖެ އެވެ.

ޕޮލިހުން ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗް ވެސް ކާމިޔާބު ކޮށްފަ އެވެ. އެ މެޗް ޕޮލިހުން ކާމިޔާބު ކުރީ ދިރާގާ ބައްދަލުކޮށް 66 ޕޮއިންޓް 28 ޕޮއިންޓުންނެވެ.

މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު މެޗް ޕޮލިސް ޓީމުން ކާމިޔާބު ކުރީ އެމްއެންޑީއެފްއާ ބައްދަލުކޮށް 57 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ޓީމުގެ މުހައްމަދު ހަސަން އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މުބާރާތުގައި މިރޭ 9:00 ޖަހާއިރު ކުޅޭނީ ދިރާގާއި އައިލެންޑް އޭވިއޭޝަން އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ބާސްކެޓް ކޯޓުގަ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.