ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ހުއްދައަކަށް އެދިވަޑައިގަތުމުން އެ ދެ ބޭފުޅުންނަށް އެ ހުއްދަ ކޯޓުން ދީފިއެވެ.

ޖުޑީޝަރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނެންގެވުމަށް އެދިވަޑައިގެން ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދު ފޮނުވި ސިޓީގައި އެދިވަޑައިގެންފައި ވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ކަމަށެވެ. އަދި ހުއްދަ ނަންގަވާ ސަބަބެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވީ އެވެ.

ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދި މޫސާ އަލީ ޖަލީލު ފޮނުވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާހަމައަށް ހުއްދަ ނަންގަވަން ބޭނުންވާ ވާހަކަ ކަމަށް ވެސް ޖުޑީޝަރީގެ އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދާއި މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ކުށްނުކުރާ މީހަކު ގާނޫނާ ޚިލާފުގޮތަކަށް ގަސްތުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.