04 Feb 2013, 11:39
މިހާރު ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ނަމަ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ވަރު ކުރާނެ ކަމަށް ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ ގޮފިން ރައްދު ދީފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު، އަލީ ވަހީދަށް އަމާޒުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ނާޒިމް ދެއްކެވި ވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ ތޮއްޑޫ ދާއިރާ އިން ނެރުނު ނޫސްބަޔާނުގައި އަލީ ވަހީދަކީ " ޖެހިލުންކުޑަ ޝަހްސިއްޔަތެއް " ކަމަށާއި އެ މެންބަރަށް ބޭނުންހާ ގޮތެއް ނެހެދޭނެ ކަމަށް ބުނެފައިވެ އެވެ.
"ތޮއްޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަކީ ދާއިރާގެ ރައްޔިތުންގެ މިލްކެކެވެ. ޕީޕީއެމް ބޭނުންހާ ގޮތަކަށް މޮޑެވޭނެ ފުށްގަނޑެއް ނޫންކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ. ތޮއްޑޫދާއިރާގެ ގޮނޑިއަށް ދާއިރާގެ ރައްޔިތުން އަލީ ވަހީދު ހޮވީ ދާއިރާގެ މެޖޯރިޓީއާއި އެއްގޮތަށް މަސައްކަތްކުރަން ކެރޭނެ ފަރާތަކަށް ވާތީ އާއި ޒުވާން، (އަދި) ކަމަށް ގާބިލް އިދިކޮޅު ފަރާތްތައް ޖެހިލުންވާފަދަ ޝަހްސިއްޔަތަކަށް އެ ބޭފުޅާ ވާތީ އެވެ." އެބަޔާނުގައި ވެ އެވެ.
ތޮއްޑޫ ދާއިރާގެ މެޖޯރިޓީ މިހާރު އޮތީ އެމްޑީޕީގައި ކަމަށް ބަޔާންކޮށް އަލީ ވަހީދު ޕާޓީގެ ލެވެލްގައި ދައްކަވަމުން ގެންދަވާ " ހިތްވަރަކީ " ދާއިރާގެ އެމްޑީޕީ ހުރިހާ މެންބަރުން " ފަހްރުވެރިކަމާއިއެކު" ފާހަގަކުރާނެ ހޮތް ވަރެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
"ތޮއްޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑިއަކީ އެމްޑީޕީ އަތުން އިދިކޮޅު އެއްވެސް ފަރާތަކަށް އަތުލައިގަނެގެން ގެންދެވޭނެ ގޮނޑިއެއް ނޫނެވެ. އަދި ޕީޕީއެމް އިން ދާއިރާގެ މެންބަރު އަލީ ވަހީދަށް ދިން އިންޒާރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުވަމެވެ."
މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނާޒިމް ވިދާޅުވެފައިވަނީ މިހާރު އޮތް ސަރުކާރު ވައްޓާލަން އަލީ ވަހީދު މަސައްކަތް ކުރާނަމަ 21 ދުވަހުގެ ތެރޭ މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ވަރު ކުރާނެ ކަމަށެވެ.