ސާކް ގައުމުތަކުން ޗަންދާ ދައްކައިގެން އިންޑިއާގެ ނިއުދިއްލީގައި ހިންގަމުންދާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން މާސްޓާ އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ސާކް އަށް ނިސްބަތްވާ ހުރިހާ ގައުމުތަކުގެ ކުދިންނަށް ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އިން ބުނީ އެ ޔުނިވާސިޓީއަކީ ރާއްޖެ އިން ވެސް ޗަންދާ ދައްކައިގެން ހިންގާ ޔުނިވާސިޓީއަކަށް ވުމުން އެ ޔުނިވާސިޓީ އިން ރާއްޖޭގެ ދަރިވަރުނަށް އަގުހެޔޮކޮށް ތައުލީމު ހާސިލްކުރެވޭނެ ކަމަށެވެ. އެ ގޮތުން މި އަހަރު މާސްޓާސް އަދި ޕީއެޗްޑީ ލެވެލްގައި ހިންގުމަށް ހަމަޖެހިފައި ވަނީ އިކޮނޮމިކްސް ދާއިރާއިންނާއި ކޮމްޕިއުޓާސް ސައިންސްގެ ދާއިރާއިންނާއި ބްޔޯޓެކްނޮލޮޖީ އާއި ސޯޝިއޮލޮޖީ ދާއިރާގެ އިތުރުން އިންޓަނޭޝަނަލް ރިލޭޝަންސް އާއި ލޯގެ ދާއިރާގެ އިތުރުން އެޕްލައިޑް މެތަމެޓިކްސް ދާއިރާއިންނެވެ.

ހަޔާ އެޑިއުކޭޝަން އިން ބުނީ މިއަހަރުގެ ޖުލައި މަހު ކުރިއަށްގެންދާ ކޯސްތަކުގައި ބައިވެރިވަން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިވާސިޓީއަށް ފޮނުވަންޖެހޭ ކަމަށެވެ. އަދި އެ ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތާއި އޮންލައިން ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު ޔުނިވާސިޓީގެވެބްސައިޓުންލިބޭނެ އެވެ.