04 Feb 2013, 11:15
އިނގިރޭސިވިލާތުގެ ސައިކަލް ރޭސް ޖެހުންތެރިޔަކު ރޭސް ޖަހަމުން ދަނިކޮށް ސައިކަލުން ވެއްޓި ލިބުނު އަނިޔާއެއްގައި ކަނާތުގެ އިނގިލިތައް އިރައިގެންގޮސް ފިސްފިސް ވުމުގެ ސަބަބުން އޭނާގެ ފައިގެ ދެ އިނގިއްޔެއް އަތަށް ބަދަލުކޮށްފި އެވެ.
ސްޕަޔާ ލީޑްސް ހޮސްޕިޓަލުގައި ކުރެވުނު 12 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު، 31 އަހަރުގެ ޖޯނަސް ބާބާގެ ކަނާތު މެދު އިނގިއްޔާއި ކަށި އިނގިލީގެ ބަދަލުގައި މިހާރު އިންދާފައި ވަނީ އޭނާގެ ދެ ފައިގެ ދިގު (ބޮޑުވައި އިނގިއްޔާ ޖެހިގެން ހުންނަ) ދެ އިނގިއްޔެވެ.
ލީޑްސްގެ ވެސްޓް ޔޯކްސްގެ އޮޓޯ އިލެކްޓްރިކްސް އެކްސްޕާޓެއް ކަމަށްވާ ޖޯނަސްއަށް އަނިޔާ ލިބިފައިވަނީ 2011 ވަނަ އަހަރު ލިންކޮންޝަޔާގައި ރޭހެއްގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ.
ތިން ކުދިންގެ ބައްޕަ، ޖޯނަސް ބުނީ އޭނާ ރޭސް ޖަހާން އެނބުރި އަންނާން ބޭނުން ކަމަށާއި އެކަމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ވެސް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
އަދި އެ ބިރުވެރި ހާދިސާގައި އޭނާގެ އަތުގެ އިނގިލިތައް "ނެތި ދިއުމުން" އޭނާގެ ހަގު އަންހެން ދަރިފުޅު ކައިރީގައި އިނގިލިތައް އަލުން ފަޅާނޭ ކަމަށް ޖޯނަސް ބުނެފައިވެ އެވެ. އޭނާ ބުނީ "އޮޕަރޭޝަނަށް ފަހު ވެސް ދަރިފުޅު ގާތުގައި ބުނީ މިހާރު އިނގިލިތައް ފަޅަނީ ކަމަށް. އޮޕަރޭޝަނުގެ ވާހަކަ އެކުދިންނަށް ކިޔައެއް ނުދެން،" ކަމަށެވެ.
ޖޯނަސްގެ އޮޕަރޭޝަން ކުރި އެ ހަސްފަތާލުގެ ޕްރޮފެސަރު ސިމޯން ކޭ ވިދާޅުވީ އުފަންވުމުގައި އައިބުކަން ހުންނަ ކުޑަކުދިން ވަރަށް ޅައުމުރުގައި އެފަދަ އޮޕަރޭޝަންތައް ކުރާ ކަމަށާއި އެހެން ނަމަވެސް ބޮޑެތިމީހުންގެ އެފަދަ އޮޕަރޭޝަންތައް ވަރަށް ނުކުރާ ކަމަށެވެ.
ޕްރޮފެސަރު ކޭ އިތުރަށް ވިދާޅުވީ އޮޕަރޭޝަނަށް ފަހު ޖޯނަސްގެ އަތުން މިހާރު ބައެއް ހަރަކާތްތައް ކުރެވޭނެ ކަމަށާއި އަދި މަސައްކަތް ކުރާހައި ބާރުވެސް އަތުގައި ކޮންމެވެސް ވަރަކަށް ހުންނާނެ ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމުގައި ބެލީ ރީތި އަތެއް ހަދަން ނޫން ކަމަށާއި، އެކަމަކު އޭނާގެ އަތުގެ ހަރަކާތް އަބުރާ ލިބޭތޯ ކަމަށްވެސް ކޭ ވިދާޅުވި އެވެ.