ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާތައް ނަޝީދާއި ދެކޮޅަށް އެ ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ނަޝީދުގެ ފަރާތުން ހައިކޯޓުގައި ނަންގަވާފައި ވަނީ އިޖުރާއީ ތިން ނުކުތާ އެކެވެ.

ފުރަތަމަ ނުކުތާއަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތް މާލޭގައި ކުރުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ނެންގެވި އިޖުރާއީ ނުކުތާ އެވެ. އެ ނުކުތާ ނަޝީދާ ދެކޮޅަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ އިރު ހައިކޯޓުން ވެސް ވަނީ ހުޅުމާލޭ ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުން އެނުކުތާއާ މެދު ނިންމި ނިންމުމުގައި ބުނަނީ އިންސާފުވެރިކަމާ ހާމަކަމާ އެކު ޝަރީއަތް ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާ އިރު، ހާމަކަމާ އެކު ޝަރީއަތް ކުރަން ބަލާއިރު ހުޅުމާލޭ ކޯޓު ހިންގާ އިމާރާތަކީ ޝަރީއަތް އަޑުއަހަން ގިނަބަޔަކަށް ވަދެވޭވަރުގެ ޖާގަ ހުރި ތަނެއް ނޫންކަމަށެވެ.

އެ ކޯޓު ހުންނަ ރަށް ނޫން އެހެންރަށެއްގައި ޝަރީއަތް ކުރުމަކީ ކޯޓުތަކާ ބެހޭ ގާނޫނު ހުރަސް ނާޅާ ކަމަށާއި ޖަސްޓިސް ބިލްޑިންގައި ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް ނިންމާފައި ވަނީ އެތަނަކީ ގިނަ ބަޔަކަށް އަޑުއަހަން ވަދެވޭނެވަރުގެ ޖާގަ ހުރިތަނެއް ކަމަށް ވާތީ ގާނޫނު އަސާސީގައި ބުނާފަދައިން ހާމަކަމާ އެކު ޝަރީއަތް ކުރިއަށްގެންދިޔުމުގެ ބޭނުމުގައި ކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައިވެ އެވެ.

ދެވަނަ އަށް ނަޝީދުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު ހުޅުމާލޭ ކޯޓުން އޭނާ އަށް ފޮނުވާފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގައިވާއިދާ ޚިލާފަށް ކަމަށް ނެންގެވި ނުކުތާ އެވެ.

އެ ނުކުތާވެސް ނަޝީދާ ދެކޮޅަށް ހުޅުމާލޭ ކޯޓުން ނިންމާފައިވާ އިރު ހައިކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުން އެ ނުކުތާއާ މެދު ނިންމި ނިންމުމުގައި ބުނަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަން ވާނީ އެމީހަކު ދިރިއުޅޭ ރަށެއްގައި ހުރި ކޯޓެއް މެދުވެރިކޮށް ކަމަށް އެ ގަވާއިދުގައި ބުނެފައި އޮތްނަމަވެސް އެއީ އެ މައްސަލަބަލާ ކޯޓަކުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެމީހަކަށް ފޮނުވުން މަނާކުރާކަމެއް ނޫން ކަމަށެވެ. އެހެންކަމުން ކޯޓަށް ހާޒިރުވުމަށް ހުޅުމާލޭ ކޯޓުން ނަޝީދަށް ފޮނުވި އަމުރަކީ ސައްޚަ އަމުރެއްކަމަށް ވެސް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު އުފެދިފައިވާ ސުވާލާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމާފައި އޮތްނަމަވެސް ހައިކޯޓަށް ވެސް އެކަމުގައި ގޮތެއް ނިންމިދާނެކަމަށް ބުނެ ނަޝީދުގެ ފަރާތުން ނެންގެވި ނުކުތާ ނިންމާފައި ވަނީ ވެސް އޭނާއާ ދޮކޮޅަށެވެ.

އެނުކުތާއާ މެދު ހައިކޯޓުން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އަދުލުއިންސާފުގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓުކަމަށާއި އެ ކޯޓަކަށް ވުރެ މަތީ ކޯޓަކުން ނިންމާ ނިންމުމަކަށް އެއަށް ވުރެ ދަށު ކޯޓުތަކުން ތަބާވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަކީ ހައިކޯޓަށް ވުރެ މަތީ ކޯޓަކަށްވެފައި ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު އެކޯޓުން ވަކިގޮތެއް ނިންމާފައި ވަނިކޮށް އެކަމާ މެދު ހައިކޯޓަށް ގޮތެއް ނިންމިދާނެކަމަށް ނުދެކޭކަމަށް ވެސް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

މިއަދުގެ ޝަރީއަތަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ހައި ކޯޓުގެ ހުކުމުގައި އެ ބޭފުޅުން ހިތްހަމަނުޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން އެ ހުކުމް ދިރާސާކުރުމަށް ފަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ނަޝީދުގެ ގާނޫނީ ޓީމުން ބުންޏެވެ.