04 Feb 2013, 09:59
އެސުންސިޔޯން (ފެބްރުއަރީ 4): ލެޓިންއެމެރިކާގެ ގައުމެއް ކަމަށްވާ ޕެރަގުއޭގެ ރިޔާސީ ރޭހުގައި ވާދަކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރެއް ކަމަށްވާ ލީނޯ އޮވިޑޯ، ހެލިކޮޕްޓަރު ވެއްޓުމުގެ ޙާދސާއެއްގައި މަރުވެއްޖެ އެވެ.
ޕެރަގުއޭގެ ސަރުކާރު ބުނާ ގޮތުން އޮވިޑޯ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ ވެރިރަށް އެސުންސިޔޯން އިން އެ ގައުމުގެ އުތުރުގެ ސަރަޙައްދަކަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އެ ޙާދިސާގައި އޭނާގެ ހަށިފާރަވެރިޔާގެ އިތުރުން އެ ހެލިކޮޕްޓަރުގެ ޕައިލެޓް ވެސް މަރުވި އެވެ. އުމުރުން 69 އަހަރުގެ އޮވިޑޯ އަކީ ކުރީގެ ޢަސްކަރީ ޖެނެރަލަކެވެ. ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމު ވެސް އޮވިޑޯ ވަނީ އަދާކުރައްވައިފަ އެވެ. ނަމަވެސް އެއަށް ފަހު ސިޔާސީ މައިދާނަށް ވަދެވަޑައިގެން މިހާރު އޭނާއަކީ އެ ގައުމުގައި ތިންވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ނެޝަނަލް އެލަޔަންސް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހުގެ 21 ގަ އެވެ.
އޮވިޑޯގެ ކުއްލި މަރާ ގުޅިގެން އޭނާގެ ޕާޓީ އަށާއި އޭނާ އަށް ސަޕޯޓްކުރާ ފަރާތްތަކަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އޮވިޑޯގެ ކުއްލި މަރާ ގުޅިގެން ޕެރަގުއޭގެ ރައީސް ފްރެޑްރިކޯ ފްރާންކޯ ވަނީ ތިން ދުވަހުގެ ހިތާމަ ގައުމުގައި އިޢްލާންކުރައްވައިފަ އެވެ. އަދި ހެލިކޮޕްޓަރު ވެއްޓުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުރިހަމަ ތަހްގީގެއް ހިންގުމަށް ވެސް ރައީސް ފްރެޑްރިކޯ ވަނީ ވަޢްދުވެވަޑައިގެންފަ އެވެ. ޕެރަގުއޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމުގެ އުތުރުގައި (އޮވިޑޯގެ ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދާ ކައިރި ހިސާބެއްގައި) ބާރުގަދަ ކޮޅިގަނޑެއް އުޅޭކަމުގެ އިންޒާރު މީގެ ހައެއްކަ ދުވަސް ކުރިން ދީފަ އެވެ.
ސިފައިން ގެ ޚިދްމަތުން ވަކިވެވަޑައިގަތުމަށް ފަހު އޮވިޑޯ ވަނީ ޕެރަގުއޭގެ ރިޔާސީ އިންތިޚާބަށް 1998 ވަނަ އަހަރު ވެސް ކުރިމަތި ލައްވައިފަ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ކުރިން ޕެރަގުއޭގެ ސަރުކާރުން އޮވިޑޯގެ މައްޗަށް ކުރި ދަޢްވާއަކާ ގުޅިގެން 10 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ސަބަބުން ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާ އަށް ލިބިވަޑައިގެންފައެއް ނުވެ އެވެ. އެ އަހަރުގެ އިންތިޚާބުގައި އޭރުގެ ރައީސް ވަސްމޯސީ އާ ވާދަކުރައްވައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އޮވިޑޯގެ ރަޙްމަތްތެރިޔާ ރާއުލް ކޮބާސް އެވެ. ކޮބާސް ޕެރަގުއޭގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މައާފް ދެއްވައި އޮވިޑޯ ވަނީ މިނިވަންކުރައްވައިފަ އެވެ. ނަމަވެސް 1999ގައި ޕެރަގުއޭގެ ނައިބު ރައީސް ލުއިސް މާރިޔާ އަވަހާރަކޮށްލި ޙާދިސާއާ އޮވިޑޯއާ ގުޅުމެއްވާ ކަމަށް ކޯޓަށް ސާބިތުވެގެން އެ އަހަރު އޭނާ އަރުވާލުމަށް ހުކުމް ކުރެވިފައިވެ އެވެ. އަދި 2004ގައި އޮވިޑޯ ވަނީ މިނިވަންވެވަޑައިގެންފަ އެވެ.
އެއަށް ފަހު 2008ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވައިގެން އޮވިޑޯވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. (ނޫސްއެޖެންސީތައް)