04 Feb 2013, 09:44
ނިއުދިއްލީ (ފެބްރުއަރީ 4): އިންޑިޔާގައި ރޭޕްކުރުމުގެ ޖަރީމާ ހިންގާ ފަރާތްތަކަށްދޭ އަދަބު އިތުރަށް ހަރުކަށި ކުރުމަށް ގޮވާލައި އެކުލަވާލާފައިވާ އައު ގާނޫނަށް އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ ރުހުން ދެއްވައިފި އެވެ.
އިންޑިޔާގެ ރައީސްގެ އޮފީހުން ބުނި ގޮތުގައި އަންހެނުންނާ ދެކޮޅަށް އިންޑިޔާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓުވުމަށް ޓަކައި އެކުލަވާލާފައިވާ އައު ގާނޫނަށް ރައީސް ޕްރަނާބް މުކަރްޖީ އިއްޔެ ވަނީ ރުހުންދެއްވާފަ އެވެ. ނަމަވެސް މިގާނޫނު ތަންފީޒު ކުރަންފެށޭނީ އިންޑިޔާގެ ޕާލަމެންޓުން މި ގާނޫނު ތަސްދީޤު ކުރުމުންނެވެ. މިގާނޫނު ތަސްދީޤު ކުރުމަށް ބޭނުންވާ ތާއީދު ޕާލަމެންޓުން ލިބޭނެ ކަމަށް އިންޑިޔާގެ ޕާލަމެންޓްގެ ދާއިރާތަކާ ޙަވާލާދީ އިންޑިޔާގެ މީޑިޔާ ބުނެ އެވެ. އިންޑިޔާގައި މިހާރު ޢަމަލުކުރަމުން ގެންދާ ގާނޫނުގައި ރޭޕްކުރުމުގެ ޖަރީމާގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10 އަހަރަށް ޖަލަށް ލުމެވެ.
ނަމަވެސް އައު ގާނޫނުގައި ރޭޕްކުރުމާއި އަންހެނުންނަށް ޖިންސީ ގޯނާތައް ކުރާ ފަރާތްތައް 20 އަހަރަށް ޖަލަށް ކަނޑައަޅާފައިވެ އެވެ. އަދި އަންހެނުންނާ ދެކޮޅަށް ހިންގާ ރޭޕްކުރުމާއި އެނޫން ޖަރީމާތަކުގެ ބާވަތައް ބަލައިއެކަންކުރާ ފަރާތްތައް އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރުމުގެ އިޚްތިޔާރު ވެސް މި އައު ޤާނޫނުގައި ފަނޑިޔާރުންނަށް ލިބިދީފައިވެ އެވެ. މީގެއިތުރުން އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ޙުކުމްކުރެވޭ މީހުން މިޤާނޫނުގައި ވަނީ ޕެރޯލްގެ ނިޒާމުން ވެސް އިސްތިސްނާ ކުރެވިފަ އެވެ. އަދި އަންހެނުންނާ ދެކޮޅަށް ޖިންސީ ޖަރީމާތައް ހިންގާ މީހުންނަށް އެއްވެސް ޙާލަތެއްގައި މަޢާފް ނުދެވޭނެކަން ވެސް އައު ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އިންޑިޔާގައި އަންހެނުން ރޭޕްކުރުމާއި އަންހެނުން ޖިންސީގޮތުން ޝިކާރަކުރުމުގެ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާ އިރު މިފަދަ ހަރުކަށި ޤާނޫނެއް ވުޖޫދަށް ގެނައުމަށް ގޮވާލެވޭ ގޮވާލުންތައް މިފަހަކަށް އައިސް އިތުރުވެގެންދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ދިއްލީގެ ޓްރާންސްޕޯޓް ބަހެއްގައި ގޭންގް ގުރޫޕެއްގެ ބަޔަކު އިންޑިޔާގެ ޒުވާން އަންހެނަކު ރޭޕްކޮށްލުމުގެ ޖަރީމާއާ ގުޅިގެންނެވެ. މުޅި އިންޑިޔާ ސިއްސުވާލި މިޖަރީމާގެ ޝިކާރައަކަށްވި އުމުރުން 23 އަހަރުގެ އަންހެންމީހާ އަށް އެކަމުގައި ލިބުނު ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ. މިޖަރީމާ ހިންގި ކަމަށް ތުހުމަތުކުރޭ ފަސް މީހެއްގެ މައްޗަށް ދިއްލީގެ ޚާއްސަކޯޓެއްގައި ދަނީ ޝަރީޢަތް ހިންގަމުންނެވެ. ނަމަވެސް މިފަސް މީހުން ވެސް ގެންދަނީ ކުށަށް އިޢްތިރާފްވުމަށް ދެކޮޅު ހަދަމުންނެވެ. (އަލްޖަޒީރާ)