04 Feb 2013, 09:24
ދިވެހި ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބާއްވާ 15 ވަނަ ވޮލީ ބޯޅަ މުބާރާތް ފަށައިފި އެވެ.
މި މުބާރާތް ފެއްޓުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭ ކުޅިވަރު އެކުވެނި އައުޓް ޑޯ ކޯޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަހުމަދު ނައީމް މުޙައްމަދު އެވެ.
ފެބުރުއަރީ 2 ވަނަ ދުވަހުން އެ މަހުގެ 10 އަށް ބާއްވާ އެ މުބާރާތް ފެށުމުގެ ގޮތުން ޝަރަފުވެރި މެހެމާނު ވަނީ ސާވްކޮށްދެއްވައިފަ އެވެ.
އިންޓަޔުނިޓް ވޮލީ ބޯޅަ މުބާރާތް ފެށުމުގެ ގޮތުން ދެމެޗެއް ކުޅެފައިވެ އެވެ. މިގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ އެސްޕީޖީ އާއި މެރިންކޯގެ ޓީމެވެ. އެ މެޗު ދެ ސެޓް ތިން ސެޓުން ކާމިޔާބުކުރީ އެސްޕީޖީގެ ޓީމެވެ. ދެ ވަނައަށް ކުޅުނު މެޗްގައި ކޯސްޓްގާޑާއި އެފްއާރުއެސް ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން މެޗް ކާމިޔާބުކުރީ ކޯސްޓްގާޑެވެ.
ޖުމްލަ 18 ޓީމެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޜަންއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑިވިޜަންގައި ހަތަރު ޓީމް އަދި ދެވަނަ ޑިވިޜަންގައި 14 ޓީމެއް ވާދަކުރެ އެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ފުރަތަމަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ.
އެންމެ ގިނަ ޓީމް ވާދަކުރާ ދެވަނަ ޑިވިޜަން މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ގްރޫޕްއަކަށް ބަހާލައިގެން ލީގު އުސޫލުން ކުޅެ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ދެވަނަ އަދި ތިން ވަނައަށް ދާ ޓީމް ކުއާޓާ ފައިނަލަށް ދާ އުސޫލުންނެވެ. އަދި ދެ ވަނަ ޑިވިޜަންގެ ކުއާޓާ ފައިނަލްގައި ނޮކްއައުޓް ސިސްޓަމަށް ކުޅެ ސެމީފައިނަލަށް ދާނީ މޮޅުވާ ހަތަރު ޓީމެކެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ބުދަ ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި ހަވީރު އަދި ރޭގަނޑުގަ އެވެ.
އިންޓަޔުނިޓް ވޮލީ ބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން ކުލަބުގެ ރައީސް ލެފްޓިނަންޓް ކާނަލް އަހުމަދު ފަޔާޒް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ކުލަބުގެ ރައީސްގެ ވާހަކަފުޅުގައި ސިފައިންގެ ޔުނިޓްތަކަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަޤްސަދު ހާސިލުވަމުންދާކަމަށާއި މިމުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުން ވެސް ކުޅިވަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެމަތިން ކުޅުމަށް އިލްތިމާސް ކުރެއްވި އެވެ.