ކުޑަ ކަމުދާތަކެތި ދިނުމަށް އިންކާރު ކުރި ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ކޯޒީކޯނާ، އިބްރާހިމް ސަޢީދު 24، އާއި ސ. ހުޅުދޫ، ހިކިއުނިމާގެ، ހުސައިން ސާހިބް 21،ގެ މައްޗަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު 9:50 އެހާކަންހާއިރު އެ ދެ މީހުން މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރި މައްސަލައާއި ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.