ދުނިޔޭގެ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް"އިން ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ދެ ކުންފުނި، މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ ގަނެފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބްލެކްސްޓޯން ގުރޫޕުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ގްރޫޕުން އެމްއޭޓީ އާއި ޓީއެމްއޭގެ މެޖޯރިޓީ ސްޓޭކް ގަތް ނަމަވެސް އެ ދެ ކުންފުނި އެއްކޮށްލައިގެން އަލަށް އުފައްދާ ބޯޑުގައި އެމްއޭޓީގެ ފައުންޑަރު ލާސް އެރިކް ނީލްސަން އާއި ޓީއެމްއޭގެ މެޖޯރިޓީ ޝެއާ ހޯލްޑަރުން ކަމަށްވާ ލާސް ޕެޓްރޭ އާއި ޗަމްޕާ ހުސައިން އަފީފު ތިއްބަވާނެ އެވެ. އަދި އެ ވިޔަފާރި ހިންގުމުގައި އެ ބޭފުޅުން ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ ދެ ކުންފުނީގެ މެޖޯރިޓީ ޝެއާ ބްލެކްސްޓޯން އިން ގަނެފައި ވަނީ ކިހާ ވަރަކަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ވައިގެ ހިދުމަތް ދޭންފެށި ކުންފުނި ކަމަށްވާ ޓީއެމްއޭ އުފެދުނީ 1988 ވަނަ އަހަރު ހެލިކޮޕްޓަރުގެ ހިދުމަތަށް މަޝްހޫރުވި ހަމިންބާޑުގެ ނަމުގަ އެވެ. އަދި ލާސް ޕެޓްރޭ އާއި ޗަމްޕާ ހުސައިން އަފީފު އާއި ޗަމްޕާ މުހައްމަދު މޫސާ އިންވެސްޓުކޮށްގެން އެ ކުންފުނީގެ ނަން ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ނަމަށް ބަދަލުކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުނިން އޮޕަރޭޓްކުރާ ޓްވިން އޮޓާގެ 20 ސީޕްލޭން އޮވެ އެވެ.

ހަމަ އެހެންމެ 1992 ވަނަ އަހަރު ރާއްޖޭގައި ވައިގެ ހިދުމަތްދޭން ފެށި މޯލްޑިވްސް އެއާ ޓެކްސީ އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.

ބްލެކްސްޓޯން އިން ބުނެފައި ވަނީ، އެ ދެ އެއާލައިން އެއްކޮށްލުމުން 44 ސީޕްލޭންއާ އެކު އެ ކުންފުނި ވެގެންދާނީ އެއްގަމާއި ކަނޑުގައި ވައިގެ ހިދުމަތްދޭ ދުނިޔޭގައި އެންމެ ބޮޑު ޓްވިން އޮޓާ އޮޕަރޭޓަރު ކަމުގަ އެވެ. ބްލެކްސްޓޯން އިން އިތުރަށް ބުނެފައި ވަނީ ރާއްޖެ ފަދަ، ދުނިޔޭގައި ފަތުރުވެރިކަމަށް ކުރިއަރާފައިވާ މަންޒިލެއްގައި އިންވެސްޓް ކުރަން ލިބުމުން އެ ކުންފުނީގެ ވިޔަފާރި އަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

ބްލެކްސްޓޯންގެ ސީނިއާ މެނޭޖިން ޑައިރެކްޓަރު އެންޑް ޗީފް އިންވެސްޓްމެންޓް އޮފިސަރު ޕްރަކާޝް މެލްވާނީ ވިދާޅުނެފައި ވަނީ ދިވެހި ރާއްޖެއަކީ ވަރަށް އާދަޔާ ހިލާފު، ޗުއްޓީ ހޭދަކޮށްލުމަށް ހިތްގައިމު މަންޒިލެއް ކަމަށް ވީހިނދު، އެމްއޭޓީ އާއި ޓީއެމްއޭ އަށް އެ ކުފުންނިން ކުރި އިންވެސްޓްމެންޓްގެ ސަބަބުން އެ ކުންފުންޏާއި ރާއްޖެ އާ ދެމެދު ގާތްގުޅުމެއް އުފެއްދުމަށް މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ.

ބްލެކްސްޓޯން އަކީ އެ ކުންފުންޏާ ގުޅިފައިވާ އެހެން ކުންފުނިތަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓް ހޮޓެލްސް އަދި ރޫމް ސާވިސްދޭ އެންމެ ބޮޑު އެއް ކުންފުނި ވެސްމެ އެވެ.

ޓީއެމްއޭގެ ޗެއާމަން ލާސް ނީލްސަން ވިދާޅުވެފައި ވަނީ ބްލެކްސްޓޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏަކާ އެކު ޕާޓްނާޝިޕް ހެދުމުން އުފާ ކުރާ ކަމަށާއި އަދި އޭގެ ސަބަބުން ކުންފުނިން ދޭ ހިދުމަތްތައް އިތުރަށް ފުޅާވެ ކުންފުނީގެ މުވައްޒަފުންނަށް އިތުރަށް ކުރިއަށް ދިއުމުގެ ދޮރުތައް ހުޅުވިގެން ދާނޭ ކަމަށެވެ.

މޯލްޑިވްސް އެއާ ޓެކްސީގެ ޗެއާމަން ޕެޓްރޭ ވިދާޅުވީ "ދުނިޔޭގެ އެންމެ ވަރުގަދަ ޕްރައިވެޓް އިކުއިޓީ ފާމްއާ ގުޅުމުން އަޅުގަނޑުމެންގެ ވިޔަފާރި އާއި ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދެވޭނެ" ކަމަށާއި "އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ފާމްގެ ފައިދާ ރާއްޖޭގެ އިގްތިޞާދަށް ލިބިގެންދާނެ" ކަމަށެވެ.