03 Feb 2013, 23:34
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހިއްސާއަކަށް 0.41 ޑޮލަރުގެ ގެއްލުމެއް ވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީޑިސީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކުން 0.36 ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ އިރު ހަތަރު ވަނަ ކުއާޓާގައި ވަނީ 0.41 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ.
އަދި ފަހު ކުއާޓާގައި އެ ކުންފުއްޏަށް އާމްދަނީގެ ގޮތުގައި 4.5 މިލިއަން ޑޮލަރުގެ އާމްދަދަނީއެއް ލިބިފައިވާ އިރު 1.2 މިލިއަން ޑޮލަރު (19.5 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފައިވެ އެވެ. އެ ކުންފުއްޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ވެސް 1.1 މިލިއަން ޑޮލަރުގެ ގެއްލުމެއް އެ ކުންފުއްޏަށް ވަނީ ލިބިފަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ. އެމްޓީޑީސީ އަށް 2011 އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ.