މުސާރަ ނުލިބިގެން މ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުން ކިޔަވަދިނުން ހުއްޓާލައިފި އެވެ.


މިއަދު ހެނދުނު ސްކޫލް ފަށާ ގަޑިއަށް ސްކޫލަށް ނުކުތުމަށް ފަހު ސޮއިކޮށް ކިޔަވައިދޭން ކްލާހަށް ނުގޮސް ތިބި ޓީޗަރުން ބުނީ ކިޔަވައިދޭން ނުކުތުން ހުއްޓައިލީ ހުރިހާ ޓީޗަރުން އެއްބަސްވުމަށް ފަހުގައި ކަމަށާއި ސްކޫލަށް ނުކުތުން ހުއްޓައިލަން ޖެހުނީ މިދިޔަ މަހުގެ މުސާރަ މިއަދާ ހަމައަށް ވެސް ނުލިބިވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ސްކޫލަށް ނުކުމެ ހުރިހާ އެންމެން ސްޓާފު ރޫމުގައި. އަޅުގަނޑު ކިޔަވައިދޭން ކްލާހަށް ވަންނާނީ މުސާރަ ލިބުމުން. މިކަމުގައި މާ ބޮޑު ހަމަނުޖެހުމެއް ނެތް،" ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދިން ޓީޗަރަކު ބުންޏެވެ.


އެހެން ޓީޗަރަކު ބުނީ ކިޔަވައި ދިނުން ހުއްޓާލާފައި މަޑުކޮށްލީ ކުއްލިއަކަށް ނޫން ކަމަށާއި އެކަން ކުރަންޖެހުނު ސަބަބު ސްކޫލަށާއި އެޑިއުކޭޝަނަށާއި ޕްރޮވިންސް އޮފީހަށް ލިޔުމަކުން ހުރިހާ ޓީޗަރުން އިއްޔެ އަންގާފައިވާނެ ކަމަށެވެ.


ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލްގެ 22 ޓީޗަރަކު މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރުމުގައި ތިބުމުން މިއަދު ސްކޫލްގެ ބައެއް ކްލާސްތައް ބިދޭސީ ޓިޗަރުން ނަގައިދޭ ކަމަށް އެ ރަށުން ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ބައެއް  ކުދިން ސްކޫލް ދޫކޮށް ގެއަށް ދިއުމުގެ އިތުރުން ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން ގެއަށް ގެންގޮސްފައިވާ ކަމަށް ވެސްވެ އެވެ.


ޕްރޮވިންސް އޮފީހުން ޖާދުﷲ ހުސައިން ތައުފީގު މިއަދު ވިދާޅުވީ ތައުލީމީ މަރުކަޒުގެ ޓީޗަރުން ކިޔަވައިދޭން ނުނުކުމެ ހިތްހަމަނުޖެހުން ފާޅުކުރުމުގައި ތިބީ މުސާރަ ނުދެވިގެން ކަމަށެވެ. އެކަމާ ބެހޭ ގޮތުން އެޑިއުކޭޝަނަށް ގުޅުމުން މުސާރަ ޖަމާ ނުކުރެވި އޮތީ މިދިޔަ މަހުގެ ތެރޭ ފިނޭންސް އިން ޕެންޝަންގެ ފޯމެޓަށް ގެނައި ބަދަލަކާ ގުޅިގެން އެރި ތާއްޓެއްގައި ކަމަށް ބުނެފައިވާ ކަމަށާއި މިހާރު ޗެކު ޖަމާކޮށްފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.


"އަދިއެއް ޗެކް ރިއަލައިޒެއް ނުވޭ. ވީހާ އަވަހަކަށް އެކަން ހަމަޖެހޭނެ،" ޖާދުﷲ ވިދާޅުވި އެވެ.