އުސްފަސްގަނޑު ސަރަހައްދުން ބޮޑުތަކުރުފާނުމަގު ފުލުހުން ބަންދުކޮށްފައި ވާތީ ގާނޫނީ ވަކީލަކު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ފުލުހުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހެޅުއްވި ކަމަށާއި މިހާރު ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދައުވާގައި އެދިފައި ވާނީ ބޮޑުތަކުރުފާނުމަގު ސްޓެލްކޯގެ ހުޅަނގު ދެކުނު ކަންމަތިން ފެށިގެން ދަރުބާރުގޭގެ ބިމުގެ އިރު ދެކުނާ ހަމައަށް ފުލުހުން ބަންދުކޮށްފައި ވާތީ އެއީ ފުލުހުންގެ ގާނޫނުގެ ދިހަ ވަނަ މާއްދާ އާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ޝަރީއަތުން ކަނޑައަޅައި އެމަގު ބަންދުކޮށްފައި ނުބޭއްވުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް ކަމަށެވެ.

ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނަނީ ފުލުހުންނަށް މަގެއް ބަންދުކުރެވޭނީ ގިނަވެގެން 72 ގަޑިއިރަށް ކަމަށެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ހައުސިން މިނިސްޓްރީއާ އުސްފަސްގަނޑު ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެ މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ފުލުހުންގެ ބެލުމުގެ ދަށުގައި އުސްފަސްގަނޑު ބޭއްވުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެއީ ބޮޑުތަކުރުފާނު މަގު ބަންދުކުރުމަށް ލިބުނު ބާރެއް ނޫންކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.