03 Feb 2013, 22:49
ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ބެލުމުގައި ހެކީން ހާޒިރުކޮށް ސުވާލުކުރުމަކީ ގާނޫނީ ގޮތުން ލިބިފައިވާ ބާރެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެފި އެވެ.
ޖޭއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ޝަކުވާތައް ބެލުމަށް ހެކީން ހާޒިރުކޮށް ބަޔާންތައް ނެގުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ކަމަށެވެ.
ގާނޫނީ ގޮތުން މަތިކޮށްފައިވާ އެ ވާޖިބު އަދާކުރުމުގައި ހެކީންގެ ގޮތުގައި ހާޒިރުކުރަން ޖެހޭ ފަރާތްތަކަކީ ވަކި މަސައްކަތެއް ކުރުމުގެ ސިފަލިބިފައިވާ ބަޔަކަށް ވުމަށް ގާނޫނު ލާޒިމް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަން އޮންލައިންގެ ކުރީގެ ސީނިއާ ޑެޕިއުޓީ އެޑިޓަރު މުންޑޫ އާދަމް ހަލީމް ކޮމިޝަނަށް ހާޒިރުކޮށްފައި ވަނީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ އާދަމް ހަލީމް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރެފައިވާ ނޫސްބަޔާނަކީ ގާނޫނު އަސާސީއާ ގާނޫނުން ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް އެ ކޮމިޝަނަށް ލިބިދީފައިވާ އިހްތިސޯސްތަކަށް ރިއާޔަތް ނުކޮށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި އެ ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންގެ ސުލޫކާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގާނޫނީ ގޮތުން ދޭން ޖެހޭ އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އާދަމް ހަލީމް މިއަދު ޖޭއެސްސީ އަށް ހާޒިރުކޮށްފައި ވަނީ ސަން އޮންލައިންގައި ކުރިން ލިޔުނު ރިޕޯޓެއްގައި ފަނޑިޔާރަކު ދެއްވާފައިވާ އިންޓަވިއުކާ ގުޅިގެން ބަޔާންނެގުމަށެވެ.
ހަލީމް ޖޭއެސްސީ އަށް ހާޒިރުކުރުމުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން )އެމްޖޭއޭ( ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މަސްދަރު ހާމަކުރަން އެންގުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށް ވެސް އެ ޖަމިއްޔާގެ ބަޔާނުގައިވެ އެވެ.
"އެކިއެކި ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ލިޔާ ނޫސްވެރިން ދައުލަތުގެ މުއައްސަސާތަކަށް ހާޒިރުކޮށް ސުވާލު ކުރާތީ މި ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.