03 Feb 2013, 22:41
ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުގެ ޕޯސްޕެއިޑް ޕެކޭޖެއް ނަގައިގެން ތުރީކީ އަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕުރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިރޭ ބޭއްވި ކުލަގަދަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ މިއަދުން ފެށިގެން މާޗް މަހުގެ 31ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ތެރޭގައި ދިރާގު ޕޯސްޕެއިޑް ޕެކޭޖެއް ބައްލަވައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް ތުރުކީ އަށް ގޮސް ފަސް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލަން ލިބޭ އިރު ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕުގެ ކޮންމެ ގައުމަކަށް ދިއުމުގެ ދެކޮޅު ޓިކެޓް ލިބިގެންދާނެ ކަމަށެވެ.
"އެއްވަނަ އިނާމަކީ ރާއްޖެ އާއި ތުރުކީ އާއި ދޭތެރޭގައި ބިޒުނަސް ކުލާހުން ދަތުރުކޮއްލުމުގެ ދެ ޓިކެޓާއި އަދި ވެސް އޭގެ އިތުރުން އެ ބޭފުޅުން ތުރުކީގައި ޗުއްޓީ ހޭދަކޮށްލުމަށް ހުރިހާ ހަރަދުތަކެއް ޕޭކުރެވިގެން އޭގެ ތެރޭގައި ހޮޓަލުގައި ހުރުން ވެސް ހިމެނޭ. އަޅުގަނޑުމެން ނަގާ ލަކީ ޑްރޯއިން ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ލިބިވަޑައިގެންނަ ވަނީ ޔޫރަޕުގެ ކޮންމެ ގައުމަކަށް ވެސް ރާއްޖެ އިން ވަޑައިގެންނެވުމުގެ ދެކޮޅު ޓިކެޓް،" އިމްޖާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮމޯޝަންގެ ތެރޭގައި ނަންގަވާ ކޮންމެ ޕޯސްޓްޕެއިޑް ކިޓަކަށް ފުރަތަމަ މަހުގެ ސަބްސްކްރިޕްޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭ އިރު ކަނެކްޝަން ފީ އިން ވެސް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި ކިތަންމެ ގިނަ އިން ވެސް ޕޯސްޕެއިޑް ޕެކޭޖު ނެގިދާނެ ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް މާކެޓިން އެގްޒެކްޓިވް ރޮބާޓް ބޯލްސް ވިދާޅުވީ ދިރާގުން ތައާރްފަކޮށްފައިވާ ޕޯސްޕެއިޑް ޕެކޭޖްތަކުގައި ކުރިއަށް ވުރެ ގިނައިން ހިލޭ ގުޅޭ މިނިޓު އިތުރުކޮށްފައިވާ ކަމަށާއި އަދި ޓަޗު ނެޓް މޯބައިލް ބްރޮޑްބޭންޑް އިންޓަނެޓް ޕެކޭޖަކާއި އިތުރު ދެ ޕެކޭޖެއް ތައާރަފްކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖަކީ މިހާރު ރާއްޖޭގައި ދެވޭ އެންމެ ފާސްޓް އިންޓަނެޓް ހިދުމަތް. އެގޮތުން އަޅުގަނޑުމެންގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އަވަސް ސުޕީޑަކާއި އިންޓަނެޓް ޑައުންލޯޑްގެ ހިދުމަތް ލިބޭނެ." ބޯލްސް ވިދާޅުވި އެވެ.
ދިރާގުގެ ޕޯސްޕެއިޑް ޕެކޭޖެއް ބައްލަވައިގަނެގެން ތުރުކީ އަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށާފައިވާ އިރު ޓާކިސް އެއާލައިންގެ ޑައިރެކްޓް ފުލައިޓްތައް ވަނީ ރާއްޖެ އަށް ފަށައިފަ އެވެ. ޓާކިސް އެއާލައިނަކީ 1933 ވަނަ އަހަރުން ފެށިގެން އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. މިއަދާ ހަމައަށް އެ އެއާލައިނުން ދަނީ 164 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި އެ ކުންފުނިން ވަނީ ބައިނަލްލަގުވާމީ ދާއިރާއިން ވެސް ގިނަ އެވޯޑްތަކެއް ވެސް ހާސިލުކޮށްފަ އެވެ.