03 Feb 2013, 18:30
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދާމާއަށް ތާވަލު ކޮށްފި އެވެ.
އާޒިމާއި ނާޝިޒުގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީވެ، އެ ދެ މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީގަލް އެންޑް ޕޮލިސީ ކޮމެޓީގެ މެންބަރު ނ. ވެލިދޫ އެލްޕާސޯ، މުހަންމަދު ހަލީމް އަލީ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މާދަމާ މެންދުރު 2:00 އަށެވެ.
ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެދެބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގިއިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލަ މީގެ ކުރިން ޝެޑިއުލް ކުރުމަށްފަހު ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ އެދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.