ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރާން މަޖިލީހުން ފާސްކޮށްފައި ވާތީ އެކަމާ ގުޅިގެން ހުށަހަޅައިފައިވާ މައްސަލަ އާއި ސިވިލްސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމުން އެކަމާ ގުޅިގެން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.

ސިއްރުވޯޓުގެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އަދި ފަހުމީ މަގާމުން ވަކިކުރި މައްސަލަ ޝެޑިއުލްކޮށްފައި ވަނީ ބުދަ ދުވަހަށެވެ.

ސިއްރު ވޯޓު ނެގުމަށް މަޖިލީހުން ފާސް ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ ކައުންސިލް މެންބަރު ގދ. ފިޔޯރީ، އައިސާދަރުގޭ އަޙްމަދު ޞިއްދީޤާއި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށް ވާ ދަފްތަރު ނަންބަރު 3569 އިބްރާހީމް ޙުސައިނެވެ. އެ މައްސަލައިގައި ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމެވެ.

އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ސިއްރު ވޯޓު ނުނެގުމަށް މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފަހުމީ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުން އެއީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ފަހުމީ އެވެ.

އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މީގެ ކުރިން ވެސް އެ މައްސަލަ ޝެޑިއުލް ކުރިއެވެ. އެހެން ނަމަވެސް ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ވަނީ އެ ފަހަރު ކެންސަލްކޮށްފަ އެވެ.