ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނަނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި ނިންމުމަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށާއި ޚަބަރުފަތުރާ އެހެނިހެން ވަސީލަތްތަކަށް ވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ދޭ ގޮތަށް ރާއްޖެ ޓީވީއަށް ވެސް މައުލޫމަތު ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ މުވައްޒަފުންނާއި އެތާގެ ތަންތަނަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނަނީ ގާނޫނުއަސާސީގެ 244 ވަނަ މާއްދާގެ (ށ) ގައި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތްކޮށް ދީ އެބައިމީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުން ހިމެނޭ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 246 ވަނަ މާއްދާގެ (ހ) ގައި ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން އަމަލު ކުރާން ވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުގައި ކަމަށް ސާފު ބަހުން ބުނެފައިވާ ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައި ވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ 28 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ ހައްގާއި 29 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައި ވާ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ އިތުރުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ތަފާތު ނުކުރުމުގެ ހައްގަކީ ރާއްޖެ ޓީވީއަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމުމަށްފަހު، ފަހުން ފުލުހުން ވަނީ އެ ނިންމުން ބަދަލުކޮށް ރާއްޖެ ޓީވީއަށް އެއްބާރުލުން ދޭން ފަށާފަ އެވެ.