03 Feb 2013, 17:39
ފޯނެއް ފޭރިގަނެގެން މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ބަޔަކު ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވުމަށް ފުލުހަކު މަސައްކަތް ކުރުމުގެ ތެރޭގައި އެ ސައިކަލުން ޖެހި ސ. ހިތަދޫ ރަތްފުސްގޭ، އަބްދުﷲ ގާސިމް، 43، މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް ބުނެފި އެވެ.
އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެ ކޮމިޝަނުން ތަގުގީގުކޮށް ބެލިއިރު އެ މައްސަލަ ފުލުހުންގެ އިދާރާއިން ވެސް ތަހުގީގުކޮށްފައިވާ ކަމަށާއި ގާސިމް ނިޔާވި ހާދިސާ ހިނގާފައިވަނީ ބަލާން ވާ ވަރަށް ފުލުހުން ނުބެލުމުގެ ސަބަބުން ކަމަށް، ނުވަތަ ބާރުގެ ބޭނުން ކުރާން ވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން، ނުވަތަ ބާރުގެ ބޭނުން ނުކުރެވޭނެ ހާލަތެއްގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފުލުހުން ނިންމައިފައި ވާ ނިންމުމަކީ ސައްހަ ނޫން ނިންމުމެއް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.
ފުލުހުންގެ އެ ނިންމުމަށް ތާއީދުކޮށް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ހާދިސާގައި ފުލުހުން މުގުރުގެ ބޭނުން ހިފައިފައިވަނީ ނުކިޔަމަންތެރިކަން ދައްކަމުން ބާރަށް ސައިކަލު ދުއްވާފައި ދިޔަ މީހަކާ އިދިކޮޅަށް ގަވާއިދާ އެއްގޮތަށް ކަމަށާއި ފުލުހުން ސައިކަލު ހުއްޓުވައިފައި ވަނީ އެއީ ވަގަށް ނަގައިފައި ވާ އެއްޗެއް ކަމަށް ބެލެވިގެން، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން ކަމަށެވެ.
"ކޮމިޝަނަށް ލިބިފައިވާ ވީޑީއޯ ފުޓޭޖަށް ބަލާއިރު ގާސިމް ސައިކަލު ހުއްޓައިފައި ވަނީ ފުލުހުން މަގު މެދަށް ނުކުމެ ހަރަކާތްތެރި ވާން ފެށިފަހުން އެމީހުންގެ ފަހަތުގައިކަން އެނގޭކަމާއި އެވަގުތު ފުލުހުންގެ ސަމާލުކަން ހުރީ ކުރި މައްޗަށް ކަމުން، ގާސިމް އެތަނުގައި މަންޒަރު ބަލާން މަޑުކޮށްލިކަން އެފުލުހުންނަށް އެނގޭނެ ކަމަށް ބެލެވޭން ނެތް،" ކަމަށް ޕީއައިސީގެ ނޫސް ބަޔާނުގައިވެ އެވެ.
މީގެއިތުރުން އެކޮމިޝަނަށް ލިބިފައިވާ ވީޑިއޯ ފުޓޭޖަށް ބަލާއިރު މުގުރު ބޭނުންކުރި ފުލުސް މީހާގެ މުގުރުން ސައިކަލުގައި ތިބި މީހުންގެ ގައިގައި ޖެހުނުކަން ޔަގީން ނުވާ ކަމަށާއި ޖެހުނަސް ޖެހިފައިވާނީ ފަހަތުގައި އިން މީހާގެ ބުރަކަށީގައި ކަމަށް ގަބޫލު ކުރެވޭކަމާއި ފުލުހުން ކުރި ހަރަކާތުން ސައިކަލު ދުއްވަމުން ދިޔަ ސްޕީޑަކަށް ވެސް އަދި މިސްރާބަކަށް ވެސް ބަދަލު އައިސްފައިވާކަން ފާހަގަ ނުކުރެވޭ ކަމަށް ވެސް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެހާދިސާގައި މަރުވި ގާސިމްގެ އާއިލާގެ ފަރާތުން އެމައްސަލަ ޕީއޭސީއަށް ހުށަހަޅާފައިވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ވީޑިއޯއެއް ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި އާއްމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޖަސްޓިސް ބިލްޑިންގް ކައިރީގައި ހުރި ފުލުހަކު، ބާރު ސްޕީޑެއްގައި ދެ މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވުމަށް މަސައްކަތް ކުރެ އެވެ.
ފުލުސް މީހާގެ އިޝާރާތަށް ސައިކަލްގައި ދިޔަ ދެމީހުން މަޑު ނުކުރުމުން ދެ މީހުންގެ ގައިގާ މުގުރު ބުރިއަކުން ޖަހަން ފުލުސް މީހާ އަތް މަޅާލަ އެވެ. އެ ވަގުތު އެ ދެމީހުން ފުލުސް މީހާގެ ހަމަލައިން ރެކިގަނެގެން ގޮސް ޖަސްޓިސް ބިލްޑިންގް ކައިރީގައި ސައިކަލެއްގައި މަޑުކޮށްގެން އިން ގާސިމުގެ ގައިގާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ.