03 Feb 2013, 17:20
ހއ. ކެލާގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަރަމަންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) ގެ ފަރާތުން އަންނަ މާޗް މަހު ބާއްވާ "ޕޯލާ އައިޑިއާސް ފުޓްސަލް ކަޕް" ރީފް ސައިޑް ކޮންޕެނީ އިން މިއަދު ސްޕޮންސާ ކޮށްފި އެވެ.
މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އެ މުބާރާތް ސްޕޮންސާ ކުރުމަށް ރީފް ސައިޑުގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރީފް ސައިޑުގެ ފަރާތުން އެގްރިމަންޓުގައި ސޮއި ކުރެއްވީ އެގްޒެކްޓިވް ޑިރެކްޓާ ސަލްމާން ހަސަން އެވެ. އަދި އައިޑިއާސްގެ ފަރާތުން ސޮއި ކުރީ އެ ޖަމްއިއްޔާގެ ރައީސް އިބްރާހިމް ސިއާއު އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތައް ފަހު، އައިޑިއާސް ޖަމްއިއްޔާގެ ރައީސް ސިއާއު ވިދާޅުވީ، އެ މުބާރާތް ހާއްސަ ކޮށްލެވިފައި ވަނީ ހއ. އަތޮޅުގެ ޒުވާނުންނަށް ކަމުގައި ވިޔަސް، މުބާރާތުގައި ޕްރައިވެޓް ކުންފުނިތަކުގެ މުއަށްޒަފުނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ. އަދި މިހާރު ވެސް މުބާރާތުގައި ބައިވެރި ވުމަށް އެދި ބައެއް އޮފީސްތަކަށް އެ ޖަމްއިއްޔާގެ ފަރާތުން ދައުވަތު ދީފައި ވާއިރު، މުބާރާތުގައި ބައިވެރި ވުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ވެސް ސިއާއު ވިދާޅުވި އެވެ.
"މުބާރާތް ހާއްސަކޮށް ހުޅުވާލެފައި ވަނީ ހ. އަތޮޅުގެ ޒުވާނުންނަށް. އެހެން ނަމަވެސް އަމިއްލަ ކުންފުނިތަކަށް މުބާރާތުގައި ބައިވެރި ވުމަށް އެދި ދައުވަތު އެބަދެން. މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ މި މަހުގެ ހަތް ވަނަދުވަހާ ހަމައަށް ހުޅުވާލާފަ،" ސިއާއު ވިދާޅުވި އެވެ.
ރީފް ސައިޑުގެ އެގްޒެކްޓިވް ޑިރެކްޓާ ސަލްމާން ހަސަން ވިދާޅުވީ، އެކުންފުނީގެ ފަރާތުން އަބަދު ވެސް ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވުމުގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ކުލަބް ޖަމްއިއްޔާތަކަށް އެއްބާރުލުން ދޭނެ ކަމަށާއި އެގޮތުން އައިޑިއާސް އަކީ ވަރަށް ކުރިއަރާފައިވާ ޖަމިއްޔާއެއް ކަމަށް އެ ކުންފުންނަށް ފާހަގަ ކުރެވޭ ކަމަށެވެ.
"އަޅުގަނަޑު މެންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވީ އައިޑިޔާސް އާއެކު ސްޕޮންސައް ކުރެވުނީމަ. މިފަހަރު ސްޕޮންސާ މިކުރީ އަޅުގަނޑުމެންގެ މެއިން ސަންގްލާސް ޕްރަޑަކްޓުގެ އެހީޔާއެކު،" ސަލްމާން ވިދާޅުވިއެވެ.
އެކުވެނީ ސްޓޭޑިއަމް - ގްރައުބްޑް އެކެއްގައި ބާއްވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމޖެހިފަ އެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އަދަދަށް ބަލާފައި ގްރޫޕް ސްޓޭޖް ތަކަށް ބަހާލައިގެން ކަމަށް ވެސް އައިޑިއާސް ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ.
މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް އަދި ފައިނަލްގައި ކުޅޭ ދެ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް މުބާރާތް ސްޕޮންސާ ކޮސްފައިވާ "ޕޯލާ" ބްރޭންޑްގެ ފަރާތުން ވަރަށް ހާއްސަ ހަނދިޔާއެއް ދޭގޮތައް ވެސް ރީފް ސައިޑުން ވަނީ ނިންމައިފަ އެވެ.
މުބާރާތުގެ ގަވާއިދު އަދި ބައިވެރިވާ އެދޭ ފޯމް އައިޑިޔާސް ޖަމްއިއްޔާގެވެބްސައިޓުންޑައުންލޯޑް ކުރެވޭ ގޮތަށް ވަނީ ހަމަޖއްސާފައެވެ.