މާލޭ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވައި ރޭ ފެނުނު މ. މާބަގީޗާގޭ އާމިނަތު ރީނާޒް ރޭ އިރުއޮއްސުނު ވަގުތު ގެއިން ނުކުތީ އޭނާގެ 13 އަހަރުގެ ދަރިފުޅު ފެނޭތޯ އެވެ. އޭގެ ފަހުން އޭނާގެއަކަށް ނުވަދެ އެވެ. އާއިލާ އިން ރީނާޒަށް އިންތިޒާރު ކުރަމުން ދަނިކޮށް ގެ އަށް ވަނީ ރީނާޒް މަރުވެއްޖެ ކަމުގެ ހިތާމަވެރި ހަބެރެކެވެ.  


ރީނާޒު 35، ގެ ބޭބެ އަހުމަދު އިސްފަހާން މިއަދު ބުނީ، ރީނާޒް ކޮއްކޮ ވަރަށް މަދުން ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅޭ ކަމަށާއި ރޭ ގެއިން ބޭރަށް ނުކުތީ ކޮއްކޮގެ 13 އަހަރުވީ ފިރިހެން ދަރިފުޅު ހޯދަން ކަމަށް ބުނެފައި ކަމަށެވެ.


"އޭނާގެ ހިތަށް ވަނީ ދަރިފުޅު ގެއްލުނީ ކަމަށް، އެހިސާބުން ނުކުތީ، އެހެން ނޫނީ ކޮއްކޮއަކީ ގެއިން ބޭރަށް ދާ މީހެއްނޫން،" އިސްފަހާން ބުންޏެވެ. "މަންމައާއެކުގައި ނޫނީ އާންމުކޮށް ގެއިން ނުވެސް ނުކުންނާނެ،"


އާއިލާގެ އެހެން މެންބަރަކު މިއަދު ބުނީ ރީނާޒު ރޭ ގެއިން ނުކުތީ މަޣްރިބު ނަމާދު ކޮށް، މުސައްލަމަތީގައި ގުރުއާން ކިޔަވަން އިނދެފައި ކަމަށާއި ބޭރަށް ނުކުތީ "ދަރިފުޅު ގެއްލިގެން" ކަމަށް ބުނެފައި ކަމަށެވެ.


"އެދިޔަ ގޮތަށް ހަބަރެއް ނުވީ،" އޭނާ ބުންޏެވެ.


އިސްފަހާން ބުނީ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮއްކޮކަން އާއިލާއަށް އެނގުނީ ރީނާޒްގެ ހަބަރެއް ނުވެ ވަނިކޮ ރޭ 11:00 ޖަހާ ކަންހާއިރު މަރުވެފައިވާ އަންހެނެއްގެ ބޮޑީ އައިޑެންޓިފައި ނުކުރެވިގެން، އެއްވެސް ގެއަކުން އަންހެނަކު ގެއްލިފައިވާ ނަމަ ހަބަރު ކުރުމަށް ފުލުހުން އިއުލާނު ކުރުމުންނާއި ފުލުހުން ކިޔައިދިން ހެދުމުގެ ކުލަތަކާއި ރީނާޒް ލައިގެން ހުރި އެއްޗެއްސާ ދިމާވުމުން ކަމަށެވެ.


"އަޅުގަނޑަށް އެނގުނީ ގާޑިޔާލެއްގެ ކައިރީގައި ހުއްޓާ! އެހިސާބުން އަޅުގަނޑުމެން ގަލޮޅު ސަހަރާގެ މޯޗަރީ އަށް (ގަބުރު ރައްކާކުރާ ފިނިކޮށާރު) ދިޔައިރު ރީނާޒުގެ ކުރީގެ ފިރިމީހާ ހުރި އެތަނުގައި ރޯން. ދެން އާއިލާގެ އެންމެން އައިސް ކޮއްކޮގެ ހަށިގަނޑާ ހަވާލުވީ،" އިސްފަހާން ބުންޏެވެ.


ރޭ މެންދަމުން ސަން އެފްއެމް އޮންލައިންގެ ނޫސްވެރިން ގަލޮޅު ސަހަރާ ކައިރިޔަށް ދިޔައިރު ވަރަށް ގިނަ އަދަދެއް މީހުން ސަހަރާތެރޭގަ އާއި ބޭރުގައި ތިއްބެވެ. ވަރަށް ގިނަ އަންހެނުން ރޮމުން ދިޔަ އެވެ.


އިސްފަހާން ބުނީ ރީނާޒްގެ މަރަށް ފަހު އާއިލާގެ މެންބަރުންގެ މައްޗަށް ބޮޑު ހިތާމައެއް ފެތުރިފައިވާ ކަމަށާއި ހާއްސަކޮށް މަންމަގެ ހާލު ވަރަށް ދެރަ ކަމަށެވެ.


"މަންމަ ހޮސްޕިޓަލަކަށް ނުގެންދޭ އެކަމަކު ހާލުދެރަ،" އޭނާ ބުންޏެވެ.


ދަރިފުޅުގެ ބައްޕަގެ ގާތުން ވަރިވުމަށް ފަހު ދަރިފުޅާ އެކު ދިރިއުޅެމުން އަންނަ ރީނާޒް ވަނީ މީގެ ދުވަސްތަކެއް ކުރިން ސަންޓްރެވަލްގެ ވަޒީފާއެއް އަދާކޮށްފަ އެވެ. އޭނާގެ ބައެއް ރައްޓެހިން ބުނީ ރީނާޒަކީ ހިމޭން ދިރިއުޅުމަށް ލޯބި ކުރާ ވަރަށް "ނައިސް ފްރެންޑެއް" ކަމަށެވެ.


ބޭބެ އިސްފަހާން ބުނީ ރީނާޒަކީ ބަލި މީހެއް ނޫން ކަމަށާއި ނަމަވެސް ޑިޕްރެޝަންއަށް ކާ ބޭސް ކޮއްކޮ ބޭނުން ކުރަމުން އަންނަ ކަމަވެ. އޭނާ އަދި ބުނީ އާއިލާ އިން ލަފާކުރަނީ "ބޮޑަށް ދަރިފުޅު ގެއްލުނީ ކަމަށް ހިތަށް ވަދެގެން" ރީނާޒް ބޭރަށް ނުކުމެ ޓްރެކް ސަރަހައްދަށް ދިޔައީ ކަމަށް ކަމަށެވެ. "އެތަނުން (ތޮށިގަނޑުމަތިން) ކައްސާލުން ކަހަލަ ގޮތެއްވެގެން ވެއްޓުނީ ކަމަށް ބެލެވެނީ،" އިސްފަހާން ބުންޏެވެ. "ހަށިގަނޑަކަށް ގެއްލުންތަކެއް ލިބިފައެއް ނެތް. އެކަމަކު ނިއްކުރިމަތިން ތަންކޮޅެއް ހަލާކުވެ ފައިތިލައަށް ހިޔަމަ އެއްގެ ކަށިތަކެއް ކަހަލަ ތޫނު އެއްޗެހިތަކެއް ވަދެފައިވަނީ، އެނޫން ގެއްލުމެއް ނެތް،"


އާއިލާ އިން ބުނީ ރީނާޒަށް ފަތަން ނޭނގޭ ކަމަށެވެ.


ޓްރެކް ސަރަހައްދުގެ މޫދުގައި ރީނާޒު މަރުވެފައި އޮއްވާ ފެނުނީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރު އެވެ. ފުލުހުން ބުނެފައި ވަނީ ރީނާޒް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކަޓަރުން ބުނެފައިވާ ކަމަށެވެ.


ރޭގެ ދަންވަރު ރީނާޒުގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމުގެ ކުރިން، ރީނާޒުގެ ހަށިގަނޑު ދެނެގަތުމުގައި ފުލުހުންނަށް ވަނީ ވަރަށް ގިނައިރު ނަގައިފަ އެވެ. އެއީ ރީނާޒްކަން ދެނެގަނެވި އާއިލާއިން ރީނާޒުގެ ހަށިގަނޑާ ރޭ ދަންވަރު ހަވާލުވަންދެން މިއަދު ހެނދުނާ ހަމައަށެވެ. ރީނާޒުގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ، ގަބުރު ރައްކާކުރާ ފިނިކޮށާރުގަ އެވެ.


ރީނާޒު މޫދުގައި މަރުވެފައި އޮއްވައި ނެގި މީހާ ބުނީ އެ ސަރަހައްދުގެ މޫދުގައި އޮވެފައި އޭނާ ދިމާއަށް އޭނާ ދިޔައީ އެންމެން ތޮށިގަނޑު މަތީގައި ތިބެގެން އެންމެން ފޮޓޯ ނަގަން ފެށުމުން ކަމަށެވެ.


"އަހަރެން ގޮސް ބުނެފިން ކިހިނެއްހޭވީ. ބުނީމަ ބުނީ ގެނބިފައޮތް މީހެކޭ، މަރުވެފައޮތް މީހެކޭ، އަހަރެން ބުނެފިން ދެން ތިބެނީ ކީއްވެހޭ ކަލޭމެނަށްހޭ، އެނގެނީ މަރުވެފައި އޮތިއްޔާ" އޭނާ ބުންޏެވެ.


އޭނާ އަދި ބުނީ މޫދު ތެރޭގައި ރީނާޒު ބަންޑުން އޮއްވާ ނަގައި ޓްރެކަށް އެރުވީ އޭނާ އެކަނި ކަމަށާއި ވިންދު ހުރިތޯ ބަލައި ނޭވާލެއްވޭތޯ މަސައްކަތް ކުރިއިރުވެސް ފުލުހުންނާއި ވަރަށް ގިނަ އާންމުން ފޮޓޯ ނަގަން ތިބި ކަމަށެވެ.


"އޭގެ މާފަހުން ޕިކަޕެއްގައި ގެންދަންވީ ނޫންހޭ  ބުނެ ނަގައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.


އެ ސަރަހައްދުގައި ހުރި އެހެން މީހަކު ރޭ ބުނީ ރީނާޒް ތޮށިގަނޑު މަތީގައި ހިނގި ކަމަށާއި އޭނާ މޫދުތެރޭގައި އޮއްވާ ފެނުނީ އޭގެ މާ ގިނައިރު ނުވަނީސް ކަމަށެވެ.


ރޭ އިރާކޮޅު ވަގުތެއްގައި ރީނާޒު މޫދުގައި މަރުވެފައި އޮއްވާ ފެނުނު އިރު މާލޭ މަގުމަތީގައި އޮތް ޕިކަޕެއްގެ ތެރޭގައި ވެސް އިއްޔަވެނީ މީހަކު މަރުވެފައި އޮއްވާ ފެނިފަ އެވެ.


މިއަދު މެންދުރު ރީނާޒްގެ ހަށިގަނޑު މާލޭ އާ ސަހަރާއަށް ގެންގޮސްފައި އޮތް އިރު ވަރަށް ގިނަ އަދަދެއް ބަޔަކު ވަނީ ސަހަރާއަށް ގޮސް ރީނާޒުގެ މޫނު ބަލައިފަ އެވެ.


ރީނާޒުގެ މޫނު އަޅައި އޭނާގެ ޖަނާޒާ ބާއްވަން އާއިލާއިން ހަމަޖައްސާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.