ވެރިކަން ލިބިއްޖެއްޔާ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރާއްޖެއިން ތެޔޮ ފެނޭތޯ ބެއްލެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
~
ފުރާންސަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ސަންއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް މިއަދު ވިދާޅުވީ ރާއްޖެއިން ތެޔޮ ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެ ނިއުމަތުން މަހްރޫމް ވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ﷲ ދެއްވާފައިވާ ނިއުމަތަކުން މަހްރޫމްވެ ގަތުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން. އަނެއްކޮޅުން އެ [ތެޔޮ] ސަލާމަތްތެރިކަމާއިއެކު އަޅުގަނޑުމެންގެ ޓޫރިޒަމަށް އަސަރު ނުކުރާނެ ހެން ނެގުމުގެ ގާބިލް ކަމާއި ޓެކްނޮލޮޖީ ދުނިޔޭގައި އެބަހުރި. އެކަން ބަލައިގެން ހަމަ ތަކުގެ މަތީން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރަން ޖެހޭނެ ކަމެއް އަޅުގަނޑު ހަމަ ގައިމު ވެސް ވެރިކަން ލިބިއްޖެއްޔާ އެންމެ ފުރަތަމަ ވެސް ކުރާނީ އެކަން،" ގާސިމް ވިދާޅުވި އެވެ.


ވިލާ ކުންފުނީގެ ޗެއާމަން ގާސިމް ވިދާޅުވީ ރާއްޖެއިން ތެޔޮ ނެގުމަކީ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށް ދައްކާ ވާހަކަތަކަކީ "ތާކުން ތާކުން ޖެހޭ ވާހަކައެއްނޫން" ކަމަށާއި ތެޔޮ ހޯދާ ނެގޭނެ ޒަމީނީ ވަސީލަތްތައް ދުނިޔޭގައި އެބަހުރި ކަމަށެވެ.

"ކޮންމެ ކަމެއް އޮންނާނެ ކުރެވޭނެ ގޮތްތަކެއް ހުންނާނެ. އެ ހިސާބުން އެ ޓެކްނޮލޮޖީއެއް ހޯދައިގެން އެ ގޮތަކަށް ކުރެވޭނީ. އެންމެ ފުރަތަމަ މީގެ 100 ވަރަކަށް 70 ވަރަށް އަހަރު ކުރިން ތެޔޮ ހޯދިހެން އެ ޓެކްނޮލޮޖީއެއްނޫން މިއަދު ބޭނުން ކުރާނީ. އެހެންވީމަ އެއީ ތާކުން ތާކު ނުޖެހޭ ވާހަކަ،" ގާސިމް ވިދާޅުވި އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ގާސިމް ވިދާޅުވީ އޭރު ވެސް މެނިފެސްޓޯގައި ތެޔޮ ހޯދުމުގެ ވާހަކަ އޮންނާނެ ކަމަށާއި އަދި ސަރުކާރުގެ ތެރެއަށް އެންމެ ފުރަތަމަ އެ ވާހަކަ ގެންނެވީ ވެސް އޭނާ ކަމަށެވެ.

"މިދިޔަ [ 2008 ވަނަ ] އަހަރުވެސް އަޅުގަނޑުމެން ވެސް އޮންނާނެ މަސައްކަތްކޮށްގެން ތެޔޮ ނެގުމުގެ ވާހަކަ. ސަރުކާރު ތެރެއަށް އެންމެ ފުރަތަމަ އެ ވާހަކަ ގެނައީ ވެސް އަޅުގަނޑު. 2008 އަހަރު ކެމްޕޭން ތެރޭ އެ ވާހަކަ ދެއްކިން،" ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ޔާމިން އަބްދުﷲ ވެސް ވަނީ އެނާގެ ވެރިކަމެއްގައި ރާއްޖެއިން ތެޔޮ ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު ވަނީ އެއީ ރާއްޖޭގެ އިގުތިސާދަށް ހުރި ގެއްލުމެއް ކަމަށް ވިދާޅުވެ ޔާމިންއަށް ރައްދު ދެއްވާފަ އެވެ.