ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް، ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުމަށް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މުހުލަތެއް ދެއްވައި، ކޮމެޓީން ފާސްކުރި ނިންމުމަށް އަދި އަމަލު ނުކުރާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީން ފާސްކުރި ނިންމުމަށް އަމަލު ނުކުރަނީ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ބަޔާންދެއްވުމަށް ދެ ރައީސުންނަށް ފޮނުވާ ސިޓީގައި މަޖިލީހުގެ ރައީސް ސޮއި ނުކުރައްވާތީ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7، ގައި ސިފައިން އަމަލު ކުރި ގޮތުން ސިފައިންގެ ގާނޫނުގައި ބުނާ ބަގާވާތުގެ ސިފަތައް ހުރި ކަމަށް ސިފައިންގެ އިސް ބޭފުޅުން ކޮމެޓީގައި ވިދާޅުވެފައި ވާތީ، ގާނޫނުގައި ބުނާ ބަގާވާތުގެ ވާހަކަ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގައި ހިމަނާފައި ނުވާ ސަބަބު ބެލުމަށް ކޯނީގެ ޗެއާ އިސްމާއިލް ޝަފީއުއަށާއި އެ ކޮމިޝަންގެ ކޯ ޗެޔާކަން ކުރެއްވި ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު ޖީޕީ ސެލްވަމްއަށް ވެސް އަދި ސިޓީ ނުފޮނުވާ ކަމަށެވެ.

ނަމަވެސް ކޮމެޓީން ފާސްކުރި ނިންމުމުގައި ބުނަނީ އެ ހަތަރު ބޭފުޅުން ކޮމެޓީއަށް މައުލޫމާތު ދެއްވުމުގެ އެންމެ ފަހު މުހުލަތަކީ ނިމިގެންދިޔަ މަހުގެ 31 ކަމަށެވެ. ނަމަވެސް ކޮމެޓީން ފާސްކުރި ނިންމުމުގައި މަޖިލީހުގެ ރައީސް ސޮއި ނުކުރެއްވުމުން އެ ނިންމުމަށް ދެން އަމަލެއް ނުކުރެވޭނެ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުމަށް އަންނަ ހަފްތާގައި ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ކޮމެޓީގެ މެންބަރަކު ވިދާޅުވި އެވެ.

ކޯނީގެ ދިރާސާއަށް ކޮމެޓީއަށް 13 ބޭފުޅަކު މިހާތަނަށް ހާޒިރުކޮށްފައިވާއިރު، ނިމިދިޔަ ސަރުކާރުގެ ވެރިކަން ބަދަލުވިއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ރައީސް ނަޝީދާއި ނައިބުރައީސަކަށް ހުންނެވި ވަހީދު ކޮމެޓީއަށް ހާޒިރު ނުކުރަނީ އެބޭފުޅުނަށް ކުރާ އިހްތިރާމަކުން ކަމަށް ކޮމެޓީން ބުންޏެވެ. އަދި އެ ބޭފުޅުން ހާޒިރުވުމުގެ ބަދަލުގައި ލިޔުމުން ވެސް އަދި ކޮންމެ "މީޑިއަމަކުން" ވެސް ކޮމެޓީއަށް މައުލޫމާތު ދެވިދާނެ ކަމަށް އެ ކޮމެޓިގެ މުގައްރިރު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަން، ކޯނީގެ ރިޕޯޓްގައި ސިފައިން "ބަޣާވާތް" ކުރި ވާހަކަ ނުހިމެނި ސަބަބު ބެލުމަށް ވެސް ކޮމެޓީން އެދިފައިވެ އެވެ. ސިފައިންގެ ގާނޫނުގެ 48 ވަނަ މާއްދާގެ (ޅ)ގައި ބަޣާވާތް މާނަކޮށްފައި ވަނީ ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ، ބިރުދެއްކުމުގެ މަގުސަތުގައި އޭނާގެ މައްޗަށް ކަމާބެހޭ ފަރާތަކުން ކުރާ އަމުރާ ދެކޮޅަށް އަމަލުކޮށް، ގަދަދެއްކުމެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ދުޝްމަނުންނަށް ކުރިމަތިލުމަށް ދެކޮޅުހަދައި އަމުރަށް ނުކިޔަމަންތެރިވުމާއި ޑިއުޓީގައި ބިބޭ ބަޔަކަށް ބިރުދައްކައި ހެދުން ކަމަށް ވެސް އެ މާއްދާގައި ބަޣާވާން މާނަކޮށްފައިވެ އެވެ.