03 Feb 2013, 16:46
ރާއްޖޭގައި އުފަން ވާ ކުދިންގެ ތެރެއިން 95 ޕަސެންޓް ކުދިންނަށް ގަވާއިދުން ވެކްސިން ދެވިފައި ވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ވެކްސިން ދެމުން އަންނަ ގޮތާ ބެހޭ ގޮތުންނާއި ވެކްސިން ދިނުމުގައި ހާސިލު ވެފައި ވާ މިންވަރު ބެލުމަށް ޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔޫ އެޗް އޯ) ގުޅިގެން ކުރިއަށް ގެންދާ ދިރާސާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އެޖެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ އަސްމާ އިބްރާހިމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި އުފަން ވާ ކުދީންނަށް ގަވާއިދުން ވެކްސިން ދެވިފައި ވާ މިންވަރު 95 ޕަސެންޓަށް އަރާފައިވާ ކަމަށާއި އަދި ވެކްސިން ދިނުމާއި އެކަމުގައި ދިވެރާއްޖެއިން ހަދަމުންދާ ދިރާސާތަކަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައި ދިރާސާ ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެކްސިން ޖަހަން ބޭނުން ނުވާ ފަސް ޕަސެންޓް މީހުންނަކީ ރާއްޖެއިން ބޭރުގައި ވިހައިގެން އަންނަ މީހުން ކަމަށާއި، ވެކްސިން ޖެެހުމުގައި ގެންގުޅޭ ޝެޑިއުލް ދިމާ ނުވުމުގެ ސަބަބުން ބައެއް މީހުން ވެކްސިން ޖަހަން އިންކާރު ކުރާ ކަމަށާއި އަނެއްބައި މީހުންނަކީ ދީނީ ސަބަބުތައް ކަމަށް ބުނެ ވެކްސިން ޖަހާން ބޭނުން ނުވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ އަސްމާ ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އާ ވެކްސިނެއް ތައާރަފު ކުރާން ހަމަޖެހިފައިވާ ކަމަށާއި އެއީ ޕެންޓަވޭލެންޓް ވެކްސިން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ވެކްސިން ތައާރަފު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މި ގޮތުން ހަތަރު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގައި މިހާރު ތަމްރީނުތައް ހިންގާފައިވާ ކަމަށެވެ. އަދި އެ ވެކްސިން ވެސް މިހާރު ރާއްޖެ އަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖެ އަށް އަލަށް ތައާރަފު ކުރެވޭ ވެކްސިނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އިމިއުނައިޒޭޝަން ޕޮރުގްރާމް ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު އިމްނާ ލަތީފު ވިދާޅުވީ މިއީ ފަސް ކަމަކަށް ބޭނުންކުރާ އެއް ވެކްސިނެއް ކަމަށާއި މީގެ ތެރޭގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ ޑީޕީޓީ ހެޕިޓައިޓަސް ބީ އަދި ހިއުމޮފިއަސް އިންފްލުއެންޒާގެ ސަބަބުން ޖެހޭ ނުރައްކާތަރި މެނިންޖައިޓިސް އަދި ނިއުމޯނިއާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދޭ ހިބް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ޑިސެންބަރު 31 އިން ފެށިގެން އުފަންވާ ހުރިހާ ކުދިންނަށް ވެސް މި ވެކްސިން ދޭނެ ކަމަށެވެ.
ވެކްސިން ދިނުމާ ބެހޭ ގޮތުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ދިރާސާއާ ބެހޭ ގޮތުން މައުލޫލާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ މި ރިވިއުގެ ބޭނުމަކީ 2003 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވުނު ބަލިތައް ދެނެގަތުން ކަމަށާއި އަދި ވެކްސިންގެ ސަބަބުން ރާއްޖެއިން ނައްތާލެވިފައި ބަލިތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ
ރާއްޖޭގައި މި ދިރާސާ ކުރިއަށް ދާ އިރު ދުނިޔޭގެ އަށް ގައުމަކުން މި ދިރާސާއިގައި ބައިވެރިވެއެވެ. އެއީ އިންޑޮނޭޝިޔާ، ނޭޕާލް، މިޔަންމާ، ތައިލޭންޑް. އަދި މީގެ އިތުރުން ޑަބްލިޔުއެޗްއޯ އާއި ޔުނިސެފް އެވެ. މި ދިރާސާއާ ގުޅޭ ރަސްމީ ރިޕޯޓް ކުރިއަށް އޮތް މަހެއް ހައި ދުވަސް ތެރޭ ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.