ޏ. ފުވައްމުލަކުގެ ސްކޫލްގެ ކުލާސް ރޫމެއް މަލްޓި މީޑިއާ ކުރުމަށާއި އެ ރަށު ހޮސްޕިޓަލުގެ އެކްސް ރޭ ރޫމް ޑިޒިޓަލައިޒް ކުރުމަށް ގާތްގަނޑަކަށް 500،000ރ. ގެ އަގު ބޮޑު ސާމާނުތަކެއް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ހަދިޔާ ކުރައްވައިފި އެވެ.

މަލްޓި މީޑިއާ ކޮށްފައިވާ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގެ ކުލާސް ރޫމާ އެ ސްކޫލުން ހަވާލުވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ކްލާސް ރޫމް ހަވާލުކޮށްދެއްވީ "ހިސްޓޯ އިނިސިއޭޓިވް"ގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާގެ ފައުންޑާ ޝިފާގު މުފީދު (ހިސްޓޯ) އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި ހިސްޓޯ މިއަދު ވިދާޅުވީ ރަށު ސްކޫލްގެ ކުލާސްރޫމް މަލްޓި މީޑިއާ ކުރުމަށް 150،000ރ. ހަރަދުކޮށްފައިވާ ކަމަށާއި އެ ކްލާސްރޫމް މަލްޓި މީޑިއާ ކުރުމުން މެއިން ނެޓްވޯކް މެދުވެރިކޮށް ސްކޫލުގެ ޕްރިންސިޕަލަށް އެ ކްލާސް ރޫމާ ވާހަކަ ވެސް ދެއްކޭނެ ކަމަށެވެ.

"ސްކޫލުން ފަންޑެއް ހުޅުވާލީ ސެކަންޑަރީ ހައި ސްކޫލްގެ ހުރިހާ އޭލެވެލް ކުލާސްތަކެއް މަލްޓި މީޑިއާ ކްލާސް ރޫމްތަކެއްގެ ގޮތުގައި ހެދުމަށް. އެހެންވެ އަޅުގަނޑުމެންގެ ޖަމިއްޔާއިން ނިންމީ އެ ފަންޑަށް ލެވޭ އެއްޗެއްގެ އިތުރުން އެތަނުން އެއް ކްލާސް ރޫމެއް އެއްކޮށް މަލްޓި މީޑިއާ ކްލާސް ރޫމަކަށް ބަދަލުކޮށްދޭން،" ހިސްޓޯ ވިދާޅުވި އެވެ.

ދެން ހުރި ކުލާސް ރޫމްތައް ވެސް މަލްޓި މީޑިއާ ކުލާސްތަކަށް ހެދުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށް ވެސް ހިސްޓޯ ވިދާޅުވި އެވެ.

މީގެ އިތުރުން އެޖަމިއްޔާއިން ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައި ހުރި އެކްސްރޭ ރޫމްގެ ފެންވަރު ރަނގަޅުކޮށް، ޑިޒިޓަލައިޒް ކުރުމަށް ބޭނުންވާ ސާމާނުތައް މީގެ ދެ ދުވަސް ކުރިން އެ ހޮސްޕިޓަލަށް ހަދިޔާ ކޮށްފަ އެވެ. އެތަނުގައި ބެހެއްޓީ އެއްޗެހީގެ އަގު 350،000ރ. ހަރަދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލްގެ އެސްކްރޭ ރޫމް ޑިޒިޓަލައިޒް ކުރުމަށް ބޭނުންވާ ސިސްޓަމްތަކަށް ދަތުރު ފަތުރުގެ ހަރަދަށާއި ޓެކްނިކަލް ސްޓާފުންގެ ހަރަދު ނުލާ ގާތްގަނޑަކަށް 350،000ރ. އަށް ވުރެ ގިނަ ފައިސާ ވަނީ ހަރަދުވެފައި،" ހިސްޓޯ ވިދާޅުވި އެވެ.