03 Feb 2013, 16:30
ރައްޔިތުންގެ ރުހުމާއި ތާއީދު އޮތީ ކާކަށް ކަން ރާއްޖޭގައި އެންމެ ފަހުން ބޭއްވުނު ބައި އިލެކްޝަންތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށް ވިދާޅުވެ 2013 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުގެ ރޭ އެމްޑީޕީން ސ. ފޭދޫގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެ ވާހަކައަށް ރައްދު ދެއްވައި ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 19 ބައި އިލެކްޝަން ބޭއްވި އިރު އޭގެ ތެރެއިން 16 އިލެކްޝަނެއް ޕީޕީއެމުން ކާމިޔާބު ކޮށްފައިވާތީ ރައީސް މައުމޫނަށް ތާއީދު އޮތް މިންވަރު ވަރަށް ސާފު ކަމަށެވެ.
"ރާއްޖޭގައި ތާއީދު އޮތީ ކޮންބަޔަކަށް ކަން މި ބޭއްވިގެންދިޔަ ބައި-އިލެކްޝަން ތަކުން ވަނީ ހާމަވެފައި. 19 ބައި-އިލެކްޝަންގެ ތެރެއިން 16 އިލެކްޝަން ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައި. ތިމަރަފުށީ ރަން ގޮނޑި އާއި އުނގޫފާރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރީ ރައްޔިތުންގެ ވޯޓުން. ރައްޔިތުންގެ ރުހުމާއި ތާއީދުން،" އެ ބަޔާނުގައި ވެއެވެ.
ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި ޕީޕީއެމުން ހޯދާފައިވާ ކާމިޔާބީތަކަކީ އިދިކޮޅު އެމްޑީޕީއަށް ކިތަންމެ ގަބޫލު ކުރާން އުނދަގޫ ކަމަކަށް ވިޔަސް އެއީ މިއަދު ޕީޕީއެމަށް އޮތް ތާއީދު ކަމަށާއި އެ ކަމުން ވެސް އެނގިގެން ދިޔައީ މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން އެންމެ ގާތީ ވެސް ޕީޕީއެމުން ކަން ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި ރައްޔިތުންގެ ތާއީދު އޮތް މިންވަރު އެނގޭނީ މަގު މައްޗަށް ނުކުމެ އަޑުގަދަކޮށްގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ތާއީދު ފެންނާނީ ރައްޔިތުން ދޭ ވޯޓުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.