03 Feb 2013, 16:04
ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖެ އާއި ނޭޕާލާއެކު ކުޅޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކުގައި އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޕާކް އެވެނިއު ފުޓްބޯޅަ ކުލަބަށް ކުޅޭ މިޑްފީލްޑަރު އަމްޖަދު އިގްބާލު ބައިވެރި ނުވާނޭ ކަމަށް ޕާކިސްތާނު ފުޓްބޯލް ފެޑެރޭޝަން (ޕީޕީއެފް) އިން ބުނެފި އެވެ.
ތިން އަހަރަށް ފަހު ގައުމީ ޓީމަށް އަލުން ނެގި އަމްޖަދާ ބެހޭ ގޮތުން ޕީޕީއެފް އިން އިއްޔެ ބުނީ "އަނިޔާގެ ސަބަބުންނާއި އަދި ޓީމާއި އަމްޖަދާ ޖެހިފައިވާ މައްސަލައެއްގެ ސަބަބުން ރާއްޖެ އާއި ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޭނާ ބައިވެރިއެއް ނުވާނެ،" ކަމަށެވެ.
އަމްޖަދު އެންމެ ފަހުން ޕާކިސްތާނުގެ ގައުމީ ޓީމަށް ކުޅެފައި ވަނީ، 2009 ވަނަ އަހަރު ބަންގާޅުގެ ވެރިރަށް ޑާކާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައެވެ.
ޕާކިސްތާނު ޓީމުގައި ހިމެނޭ ޑެންމާކަށް އުފަން ޔޫސުފް ބަޓް އާއި، ޔައުގޫބު ބަޓް އަދި މުހައްމަދު އަލީ މިހާރުވަނީ ލާހޫރަށް އައިސް ޓީމާ ގުޅިފަ އެވެ. އޭގެ އިތުރުން އިންގްލެންޑަށް އުފަން ލެފްޓްބެކް ޝައްބީރު ޚާން އާއި ޑެންމާކަށް އުފަން ފޯވަޑް ހަސަން ބަޝީރު ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ޓީމާ ގުޅިފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އޭއެފްސީ ޗެލެންޖު ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލާ އެކު ކުޅޭ މެޗުތަކަށް ޕާކިސްތާނު ޓީމު ނޭޕާލަށް ދިއުމަށް ހަމަޖެހިފައި ވަނީ މިމަހު ފަސްވަނަ ދުވަހު އެވެ. ފެބުރުވަރީ 6 އަދި 9 ވަނަ ދުވަހު ނޭޕާލު ޓީމާ އެކު ކުޅުމަށް ފަހު ރާއްޖޭގެ ގައުމީ ޓީމާ އެކު އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ކުޅޭނީ މިމަހު 12 އަދި 14 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ.
ޕާކިސްތާނުގެ ގައުމީ ޓީމަކީ އެ ގައުމުން ބޭރުގައި ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ ޓީމެކެވެ.