03 Feb 2013, 15:35
ރިޔާސީ އިންތިޚާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
ހުޅުމާލޭ ކޯޓުން ނިންމި އިޖުރާއީ ނިންމުން ނަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުވާ ކުރެވިފައި ވަނީ އެމަނިކުފާނުގެ މައްޗަށް އެކަނި ނޫންކަމަށާއި އެއީ އެތަކެއް ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ ދައުވާ އެއްކަމަށެވެ.
ނަޝީދު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަނުކުރެވިއްޖެނަމަ އެތަކެއް ބައެއްގެ ހައްގުތަކެއް ގެއްލިގެން ހިނގައިދާނެކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދޭކަމަށެވެ.
އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ގާނޫނާ އެއްގޮތަށް އުފެދިފައިވާ ކޯޓެއްކަމަށް ކަނޑައެޅި ނަމަވެސް އިނގިރޭސިވިލާތުގެ ކޯޓު އޮފް އެޕީލްއިން ނިންމި ނިންމުމަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމަކަށް ބަލާއިރު އެ މައްސަލައާ ގުޅޭގޮތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިތުރަށް ވާހަކަދެއްކިދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މީހެއްގެ މައްޗަށް ކުށެއް ސާބިތުވާން ޖެހޭނީ އެކަށީގެންވާ މިންވަރަށް، ޝައްކެއް ނެތް މިންވަރަށް ކަމަށް ގާނޫނު އަސާސީގައި ސަރީހަ އިބާރާތުން ބުނެފައި އޮތް އިރު ސުޕްރީމްކޯޓުން ނިންމި ގަޒިއްޔާއެއްގައި ބުނެފައިވާގޮތުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަމަށް ބަލަންޖެހޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށް ބުނެފައިވާކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތެއް ހުއްޓާލަން އެންގުމުގެ ބާރު އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް އެއާ ޚިލާފަށް ހައިކޯޓުން ވެސް ހުކުމެއް ކޮށްފައިވާ ކަމަށް ވެސް އަހުމަދު އަބްދުﷲ އަފީފު ވިދާޅުވި އެވެ.
ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ދެއްކި ވާހަކަތަކުގެ ރައްދުގައި ވާހަކަދެއްކުމަށް ފުރުސަތު އެރުވުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންގެ ޓީމުން ބުނީ އެ އޮފީހުން ދައްކަން ބޭނުންވާ ވާހަކައެއް ނެތްކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލައިގެ ހުކުމް މާދަމާ އިއްވާނެ ކަމަށެވެ.
ރައީސް ނަޝީދު ހައިކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓުގައި އެމަނިކުފާނުގެ ޝަރީއަތް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް ކަނޑައަޅާފައިވާ ބެންޗެއްކަމަށެވެ. އަދި ޝަރީއަތަށް ހާޒިރުވާން ނަޝީދަށް ޗިޓްފޮނުވާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އެހެންކަމުން ހުޅުމާލޭ ކޯޓުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ނަޝީދުގެ ޝަރީއަތުގައި ހިނގާފައިވާ ހުރިހާ ކަންކަމަކީ ބާތިލް ކަންތައްތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ނަޝީދާ ދެކޮޅަށް ހައިކޯޓުން އެ މައްސަލަ ނިމިއްޖެ ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.