03 Feb 2013, 14:54
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އަމީނީއްޔާ ސްކޫލްގެ އިމާރާތުގައި ކިޔަވަމުންދިޔަ އަރަބިއްޔާ ސްކޫލްގެ ކުދިން އެ ސްކޫލްގެ އާ އިމާރާތަށް ބަދަލުކޮށް އަރަބިއްޔާގެ ހުރިހައި ކުދިންނަށް އާ އިމާރާތުގައި ކިޔަވައި ދޭން ފަށައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ގްރޭޑް 1 އިން ފެށިގެން 6 އަމީނީއްޔާ ސްކޫލްގައި ކިޔަވަމުން ދިޔަ އެ ސްކޫލްގެ ކުދިން މިދިޔަ ހަފްތާ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަރަބިއްޔާގެ ހުރިހައި ކުދިން ވެސް ކިޔަވަމުން ދަނީ އާ އިމާރާތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްކޫލަށް މިއައި ބަދަލަކީ ކުރިން އަމީނީއްޔާ ސްކޫލްގައި ކިޔަވަމުން ދިޔަ ގްރޭޑް 1 އިން ފެށިގެން 6 އަށް ކިޔަވަމުން ދިޔަ ކުދިން އަޅުގަނޑުމެންގެ އާ އާއިމާރާތަށް ބަދަލު ކުރީ. އެހެން ވީމަ އަޅުގަނޑުމެންގެ ހުރިހައި ކުދިން ވެސް މިހާރު ކިޔަވަމުން ދަނީ އާ އިމާރާތުގައި،" ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ހުރިހައި ކުދިން އާ އިމާރާތުގައި ކިޔަވަމުން ދިޔަ ކަމުގައި ވިޔަސް ސްކޫލްގެ އިމާރާތް ނުނިމޭ ކަމަށާއި އެކަމުގެ ސަބަބުން ސްކޫލްގެ ކުދިންގެ ފަރާތުންނާއި، ޓީޗަރުން އަދި ބެލެނިވެރިންގެ ހިތްހަމަ ނުޖެހުން ކޮންމެ ވެސް ވަރަކަށް އުޅޭ ކަމަށެވެ.
"އަޅުގަނޑުމެން އާ އިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދިން ނަމަވެސް އިމާރާތް މުޅިން ނުނިމޭ. އެކަމުގެ ސަބަބުން ސްކޫލްގެ ކުދިން، ޓީޗަރުން އަދި ބެލެނިވެރިންގެ ހިތްހަމަ ނުޖެހުން އެބަ އުޅޭ." ޕްރިންސިޕްލް ވިދާޅުވި އެވެ.
ޕްރިންސިޕަލް އިތުރަށް ވިދާޅުވީ ސްކޫލްގައި ކިޔަވައި ދިނުމަށް ބޭނުންވާ ހުރިހައި ކަމެއް ފުރިހަމަ ވެފައިވާ ކަމަށާއި އަދި ލައިބްރަރީއަށް ބޭނުންވާ ސާމާނާއި އެހެނިހެން ކަންތައްތައް ވެސް ހަފްތާއެއްގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި 900 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހައި ސްކޫލްތަކާ ވާދަ ކުރުމުގެ ގާބިލްކަން އެ ސްކޫލަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން ވޭތުވެދިޔަ އަހަރުތަކުގެ ނަތީޖާއަށް ވުރެ މިއަހަރު އަރަބިއްޔާ ސްކޫލްގެ ނަތީޖާ ރަނގަޅު ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިންގެ އުންމީދަކީ އަވަސް މުސްތަގުބަލެއްގައި ސްކޫލްގެ އާ އިމާރާތް ނިމިގެން ދިއުން ކަމަށް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.