03 Feb 2013, 14:46
ފުލަމް އާއި މެންޗެސްޓާ ޔުނައިޓެޑް ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބައްދަލު ކުރި މެޗުގެ ފަހު ހާފުގައި ޔުނައިޓެޑްގެ ހުނަރުވެރި ފޯވަޑް ވޭން ރޫނީ ކާމިޔާބު ކޮށްދިން ލަނޑާއެކު އެ ޓީމު ލީގު ތާވަލުގައި ދަމަހައްޓަމުން އައި ލީޑު 10 ޕޮއިންޓަށް ފުޅާކޮށްފި އެވެ.
މެޗުގެ 78 ވަނަ މިނިޓުގައި ރޫނީ ލަނޑު ކާމިޔާބު ކުރީ ޖޮނީ އިވާންސް ތަނަވަސްކޮށްދިން ފުރުސަތެއް، ގޯލްގެ ދުރު ކަނަށް ވައްދާލައިގެން ނެވެ. ރޫނީ ރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑަކީ އޭނާ މިސީޒަންގައި ކާމިޔާބު ކުރި 10 ވަނަ ލަނޑެވެ. އަދި އޭނާވަނީ ފުލަމްއާ ދެކޮޅަށް އޭނާ ކުޅުނު އެންމެ ފަހު ފަސްމެޗުގައި ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ރޭގެ މެޗުގައި ފުލަމްއަށް ވެސް ޔުނައިޓެޑްގެ ގޯލް ފޫއަޅުވާލާނޭ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ފުލަމްގެ ބްރަޔާން ރުއިޒް ފޮނުވާލި ބާރު ހަމަލާ ގޮސް ޔުނައިޓެޑްގެ ގޯލްދަނޑީގައި ޖެހިފައި ވާއިރު ފަހުހާފުގައި ފިލިޕް ސެންޑްރޯސް ބޮލުން ފޮނުވާލިބޯޅަ ޔުނައިޓެޑްގެ ގޯލްލައިންމަތިން ސާފުކޮށްލީ ރޮބިން ވެންޕާސީ އެވެ.
މެޗުން ބަލިވުމުން ފުލަމްގެ މެނޭޖަރު ބުނެފައިވަނީ އޭނާހެ ޓީމުގެ މެދުތެރެއިންނާއި ފަހަތުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އަދި ރޭގެ މެޗަކީ މިފަހަކަށް އައިސް އެ ޓީމު އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއްމެޗު ކަމަށެވެ.
ރޭގެ މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ކުރީގައި އޮތީ 65 ޕޮއުންޓާއެކުގަ އެވެ. އަދި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ދެމެޗު މަދުން ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 52 ޕޮއިންޓެވެ. ތިންވަނައިގައި ޗެލްސީ އޮތީ 46 ޕޮއިންޓާ އެކުގައެވެ.