ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓުރިވަންޑުރަމްއަށް ރޭ ކުރި ފުރަތަމަ ދަތުރުވެގެންދިޔައީ ވަރަށް ކާމިޔާބު ދަތުރަކަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ ރޭ 1:15ގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރޭ ރާއްޖޭ ގަނޑިން 2:30ގައި އިންޑިއާގެ ޓުރިވަންޑުރަމް އެއާޕޯޓްގައި މޯލްޑިވިއަންގެ ފުލައިޓް ޖައްސާފައިވާ އިރު އެދަތުރުގެ ކަންތައްތައް ކުރިޔަށްދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި ވިދާޅުވީ ދަތުރަށް ލިބުނު ތަރުހީބު ވެސް ރަނގަޅުކަމަށާއި ފުލައިޓް ދިޔައީ 90 ޕަސެންޓް ފުލްކޮށް ކަމަށެވެ.

"ދަތުރު ވަރަށް ކާމިޔާބު، އިރާދަކުރެވިއްޔާ ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް އަޅުގަނޑުމެން ރޭވިގޮތަށް،" ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ ހަނިމާދު އާއި އިންޑިއާ ދެމެދު ކުރަން ފަށާފައިވާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ތިން ވަނަ ދަތުރުން ފެށިގެން ޓިކެޓާ އެކު ވިސާ ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާ އަކު ވެސް އާއްދިތަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގައި ކަމަށް ނަޝާތު ވިދާޅުވި އެވެ.

ރެއިން ފެށިގެން ފަށާ ހަނިމާދޫން ޓުރެވަންޑުރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓް ފުރަތަމަ ތިން މަސް ދުވަހު ވިއްކުމަށް ހަމަޖައްސާފައި ވަނީ ރިޓާން 199 ޑޮލަރަށް (3068.58ރ.) އަށެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ ތިން ވަނަ ދަތުރުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓާ އެކު އިންޑިއާގެ ވިސާ ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އެ ދަތުރުތަކުގައި ބޭނުންކުރުމަށް ނިންމާފައި ވަނީ މޯލްޑިވިއަންގެ 50 ގޮނޑީގެ ޑޭޝް ބޯޓުތަކެވެ.