އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް ފަދަ 20 މީހުން މި ރާއްޖެ އަށް ލިބިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ގެންނާނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑީއެމް މުލޭ ވިދާޅުވެއްޖެ އެވެ.

"އަހަރެން އަބަދުވެސް ބުނަން ބަންދު ސަލީމު ފަދަ 20 ބަންދު ރާއްޖެ އަށް ލިބިއްޖެ ނަމަ. ރާއްޖޭގެ އިގްތިސާދަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ގެންނާނެ. އޭނާއަކީ ދުރުވިސްނޭ، ކަންކަން ކުރުމުގެ ޖޯޝާއި ޝައުގުވެރިކަން ހުރި، އަދުގެ ދުނިޔެއާ މުއާމަލާތުކުރަން ދަންނަ، އަދި މެނޭޖަރެއްގެ ކިބައިގައި ހުންނާން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވާ މީހެއް. މަރުހަބާ ބަންދު! މަނިކުފާނުގެ ތިޔަ ކުރެއްވީ އަގު ހުރި މަސައްކަތްޕުޅެއް،" ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބަންދު ސަލީމަށް ތައުރީފު ކުރައްވައި މުލޭ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މުލޭ އަށް ފަހު ވާހަކަފުޅު ދައްކަވަމުން ބަންދު ސަލީމް ވިދާޅުވީ "ހައިކޮމިޝަނަރު މުލޭ އަޅުގަނޑުގެ ދިރިއުޅުން ވަރަށް ދަތިވާގޮތަކަށް ވިދާޅުވީ، ހައިކޮމިޝަނަރު މުލޭ އަޅުގަނޑާ މެދު ވަރަށް އިހުލާސްތެރި ވާހަކަކޮޅެއް އެ ވިދާޅުވީ، ތިޔަ ކަހަލަ ވިއްސަކަށް މީހުންނޭ ބޭނުންވަނީ އެހެންކަމުން ދަންޑެހެލަކަށް އަޅުގަނޑު ވެދާނެކަމުގެ ބިރު އަޅުގަނޑަށް ހީވަނީ،" އުފަލުން ހުރެ ބަންދު ސަލީމް ވިދާޅުވި އެވެ.

ބަންދު ސަލީމް ސިފަކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވެފައި ވަނީ އޭނާއަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވާންދެން ކޮށްދެއްވައިފައިވާ އިގްތިސާދީ މާހިރެއް ކަމަށެވެ. އަދި ބަންދު ހަވާލުވެފައިވާ ކުންފުނިތައް އިގުތިސާދީ ގޮތުން ރަނގަޅު މަންޒިލަކަށް ގެންގޮސްފައިވާ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ބަންދު ސަލީމަށް ތައުރީފް ކުރައްވައި ހައިކޮމިޝަނަރު މުލޭ ވެސް ވާހަކަފުޅު ދައްކާފައިވާ އިރު ބަންދޭއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2012 ފެށިގެން ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމުގެ މަގާމް ފުރުއްވަމުންދާ އިރު އޭނާ ވަނީ 2002 އިން 2011 އަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ. އަދި 1967 ވަނަ އަހަރު ބޮޑުވަޒީރު އޮފީހުގައި މަސައްކަތް ފެށިއިރު އޭނާ ވަނީ މޯލްޑިވުސް ޝިޕިން ލިމިޓެޑާއި ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި 1982 އިން 1987 އަށް ރާއްޖެ އިން ވޯޑް ބެންކަށް ކަނޑައަޅާފައި ހުންނަވާ ވައިސް ގަވަރުނަރުގެ މަގާމާއި 1998 އިން 2008 އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި 1993 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެކުންފުނީގެ އިތުރުން ދިރާގާއި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމްތައް ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.