03 Feb 2013, 13:20
ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓާ މެދު މިހާރު ހިޔާލުތަފާތުވުން އުފެދިފައި ވިޔަސް އެ ކޮމިޝަން އުފެއްދި އިރު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ކޮމިޝަން ގަބޫލުކުރި ކަމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ޑެލެގޭޝަންގެ ވެރިޔާ ބާނާޑް ސެވޭޖް ވިދާޅުވެއްޖެ އެވެ.
"[ކޯނީ] ރިޕޯޓާ މެދު މިހާރު ހިޔާލުތަފާތުވުން އުފެދިފައި އޮތް ނަމަވެސް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފެއްފި އިރު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އެ ކޮމިޝަން ގަބޫލު ކުރި،" ހުކުރު ދުވަހު ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި ސެވޭޖް ވިދާޅުވެފައިވެ އެވެ.
މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި މި އަހަރު ބޭއްވުމަށް އީޔޫ އިން ކުރިން ގޮވާލާފައިވާ ގޮވާލުން ތަކުރާރު ކުރައްވާ ކަމަށް ވެސް އެ އިންޓަވިއުގައި ސެވޭޖް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި މިއަހަރު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އީޔޫ އިން އެދޭ ކަމަށާއި އެކަން ރާއްޖެ އަށް އަންގާފައި ވާނެ ކަމަށެވެ.
ރާއްޖޭގައި އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިހާރު ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ 7ސެޕްޓެމްބަރު 2013ގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އިންތިހާބުގައި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ދެ ވަނަ ބުރެއް ބާއްވާނީ ސެޕްޓެމްބަރު، 28 2013ގައި ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅި ނަމަވެސް އިންތިހާބު އިއުލާން ކުރާނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް އިންތިހާބަށް 120 ދުވަސް ކުރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.