ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ނިންމަ ޖެހޭ ކަމަށް ވިދާޅުވެ އެ ޝަރީއަތާ ބެހޭ ގޮތުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހްމަދު ބައެއް މީޑިޔާތަކުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ވާހަކަތައް ހުއްޓުވައި ދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކޯޓަށް މިއަދު ހުށަހެޅުއްވި މައްސަލައާ ބެހޭ ގޮތުން މާލެ ސިޓީ ކައުންސިލް ހޯލޮގައި ބޭއްވި ނޫސްވެރިންގެ ބައްދަލުގައި ބިގޭގެ ގާނޫނީ ވަކީލާ އައިޝަތު ލީޝާ ވިދާޅުވީ ޖަމީލްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން ދައްކަވާ ވާހަކަތައް ހުއްޓާދިނުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށެވެ.

ލީޝާ ވިދާޅުވީ ނަޝީދުގެ ޝަރީއަތް އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޖަމީލު ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނައިވައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"މި ހުށަށަހަޅާފައިވާ މައްސަލައަކީ ޖެނުއަރީގައި 29 ވަނަ ދުވަހު ރައީސް ނަޝީދުގެ ޝަރީއަތާއި ގުޅޭ ގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. ޖަމީލް ދައްކަވާ ވާހަކަތަކަކީ އެ ޝަރީއަތަށް ނުފޫޒު ފޯރުވޭ، އަދި އެ ޝަރީއަތް ހިންގުމުގައި ފަނޑިޔާރުނަށް އަސަރުކުރާނެ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކަށް ވާތީ އެ ފަދަ ވާހަކަތައް ޝަރީއަތާއި ގުޅޭ ގޮތުން އަދި ހާއްސަކޮށް މި ޝަރީއަތާއި ގުޅޭ ގޮތުން ނު ދެއްކޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރީއަތެއް." ލީޝާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ޑރ. ޖަމީލާ ހަވާލާދީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ހަވީރު ނޫހުގައި ލިޔެފައިވާ ލިޔުމުގައި ބުނެފައި ވަނީ ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ "ރަހީނުކުރި" މައްސަލައިގެ ޝަރީއަތް ލަސްވެގެންދާތީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި އެ ޝަރީއަތް ރިޔާސީ އިންތިހާބުގެ ކުރިން ނިންމަން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޖަމީލުގެ ކޮމެންޓެއް ހޯދުމަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

އެ މައްސަލަ ކޯޓުން ބަލައިގަން ކަމެއް އަދި ވަނީ ކޯޓުން ކަށަވަރު ނުކުރެވި އެވެ.