ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅައިފި އެވެ.

އަހުސަން ބަޝީރު މަރާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އަހުސަން ބަޝީރުގެ ކަރާދިމާލު މޭމައްޗަށް ޝަހުމް ވަޅިން ހަމަލާދިން މަންޒަރު ދުށް ކަމަށް މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ޝަހުމްއާ ޝިމާޒު ހާދިސާ ހިނގި ތަނުން ފެނުނުކަމަށް އިތުރު މީހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އޮވެ މޫނުގައި އަޅާފައި އޮތް އޮކްސިޖަން މާސްކު ނަގާފައި އެ ވަގުތު އެތަނުގައި ތިބި ދެ މީހަކު ކައިރީ "ޝަހުމް އަދި ޖަރުމަން" އެގޮތަށް އަހުސަން ބަޝީރު ބުނެފައިވާ އިރު ހޮސްޕިޓަލްގައި ހުރި އެހެން މީހަކު ކައިރީ "ޝަހުމް އަދި ޖަރުމަން" އެގޮތަށް އަހުސަން ބަޝީރު ބުނި މަންޒަރު ދުށްކަމަށް އިތުރު މީހަކު ހެކިބަސް ދީފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މަރަށް ހާޒިރުވެފައި އޮންނަ ވަގުތުގައި ވާހަކަ ދައްކާ އިރު ދޮގު ހެދުމަކީ އެއީ ވަރަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ކަމަށް ކޮމަންލޯގައި ބުނެފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ސާބިތުވާކަމަށް ދައުލަތުން ދެކޭކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޝަހުމްގެ ވަކީލު ވިދާޅުވީ ހެކީންގެ ހެކިބަހުގައި ޝައްކުތަނެއް އެބަހުރި ކަމަށާއި ހޮސްޕިޓަލްގައި އަހުސަން ބަޝީރު ދައްކާފައިވާ ވާހަކަތަކާ ބެހޭ ގޮތުން ދައުލަތުން ވާހަކަ ދައްކާފައިވާ އިރު އެކަމުގައި ނަރުހުންނާ ޑޮކްޓަރުގެ ބެހެއް ހޯދާފައި ނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހެޅުމަށް ޝިމާޒަށް ފުރުސަތު އެރުވުމުން އޭނާ ބުނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

ޝަހުމްއާއި ޝިމާޒުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:20 އެހާކަންހާ މަޖީދީމަގާއި އަލިކިލޭގެފާނުމަގާ ގުޅުނު ކަންމައްޗަށްވީ ހިސާބުގައި އަހުސަން ބަޝީރު ހުއްޓާ އެ ދެ މީހުން ސައިކަލެއްގައި އެތަނަށް ގޮސް އެ ދެ މީހުންގެ ތެރެއިން ޝަހުމް އޭނާ އަށް ތޫނުއެއްޗަކުން ހަމަލާދިނުމަށް ފަހު އެ ދެ މީހުން ސައިކަލްގައި ފިލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާދެމުންދަނިކޮށް ހަމަ އެދުވަހުގެ ހެނދުނު 7:30 ހާއިރު އޭނާ ވަނީ މަރުވެފަ އެވެ.