03 Feb 2013, 12:44
ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފެއްދި ޖުޑީޝަލް ކައުންސިލް ބާތިލުކޮށް، އިންތިގާލީ ސުޕްރީމް ކޯޓުން ނެރުނު ރޫލިންއާ ގުޅޭ ގޮތުން ފަނޑިޔާރަކު ދެއްވި އިންޓަވިއު ސަންގެ ރިޕޯޓެއްގައި ލިޔުނު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހާޒިރުކޮށްފި އެވެ.
ޝަރުއީ ދާއިރާ އަށް ހާއްސަ ނޫސްވެރިއެއްގެ ގޮތުގައި ހަބަރުތައް ރާއްޖޭގައި ފުރަތަމަ ލިޔުންވަން ފެއްޓެވި އާދަމް ހަލީމް ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލު ކުރެއްވީ އެ ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.
އާދަމް ހަލީމް މިއަދު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ސަން އޮންލައިގައި އޭނާ ލިޔުއްވި ރިޕޯޓަކަށް ފަނޑިޔާރަކު ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޖޭއެސްސީ އިން ސުވާލު ކުރުމުން ޖަވާބު ދެއްވުމަށް ދެކޮޅު ހެއްދެވި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މީޑިއާ ރިޕޯޓްކުރާ ކަންތައްތަކާ ގުޅިގެން ޖަވާބުދާރީ ކުރެވޭނެ ފަރާތަކީ ގާނޫނަކުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ކަމަށެވެ.
"މިހާ ދުވަސްވީ މައްސަލައަކާ ގުޅޭ ގޮތުން، އަދި ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ރިޕޯޓް ކުރި ކުރުމަކާ ބެހޭ ގޮތުން ސުވާލުކޮށް ޖަވާބުދާރީ ކުރެވޭނެ ޒިންމާއެއް ގާނޫނަކުން އެމްއެމްސީގެ ނަމުގައި އުފެދިފައި އޮވެ، މައްސަލަ ހުށަހެޅި ފަރާތާއި މި ކޮމިޝަނުން ވެސް އެ މަރުހަލާ ފުރިހަމަ ނުކުރައްވައި މިހާ ދުވަސް ވަންދެން ތިއްބެވުމަށް ފަހު މި މައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ދާރީވާން މިވަގުތު އަޅުގަނޑު ގަސްތެއް ނުކުރަން،" ޖޭއެސްސީ އަށް ބަޔާން ދެއްވި ގޮތަށް އާދަމް ހަލީމް ވިދާޅުވި އެވެ.
އާދަމް ހަލީމު ލިޔުއްވާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަނޑިޔާރު ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ވަނަ ފަހަރަށް ޖޭއޭސްސީން ސުވާލު ކުރުމުން ވެސް އޭނާ ވަނީ އެކަމަށް ޖަވާބުދާރީވާން ދެކޮޅު ހައްދަވައިފަ އެވެ.
މާޗް 16، 2011ގައި އާދަމް ހަލީމް ސަންގައި ލިޔުއްވި ރިޕޯޓަށް ސުޕްރީމް ކޯޓުން ނެރުނު ރޫލިންއަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވާފައި ވަނީ ހދ. އަތޮޅުގެ ކުރީގެ ސީނިއާ މެޖިސްޓްރޭޓް އަދި އުވާލި ޖުޑީޝަލް ކައުންސިލުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާ ބާތިލްކޮށް ޖުޑީޝަލް ކައުންސިލް އުވާލި ރޫލިއަށް އިޝާރާތްކޮށް އެ ރިޕޯޓްގައި ނިޔާޒު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ގާނޫނުތައް އުވާލާ ނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އޭރުން ގާނޫނު ހަދާ މީހުންގެ މަސައްކަތް ވެސް ސުޕްރީމް ކޯޓަށް ކުރެވެނީ ކަމަށް ބެލެވޭ ކަމަށެވެ. ނިޔާޒު ވިދާޅުވީ ބައެއް ގާނޫނުތަކުގައި ބޮޑެތި އޮޅުންތައް ހުރިއިރު އެކަންތައްތަކަށް އެއްވެސް ވަރަކަށް ލަފަޔެއް ނުދެއްވައި "ބައެއް ކަހަލަ ކަންތައްތައް ސުޕްރީމް ކޯޓުގެ އަތްދަށަށް ގެންދިއުމަށް ޓަކައި" ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އޭނާ އަށް ވިސްނޭ ގޮތުގައި "މިއީ ސިޔާސީ ކަމެއް ކަމަށް" ވެސް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒު ސަންއަށް ދެއްވާފައިވާ އިންޓަވިއެއްގެ ވާހަކަ ތެދުގޮގު ކަށަވަރު ކުރުމަށް ޖޭއެސްސީން ތަހުގީގު ފަށާފައިވާ އިރު ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)އާ މެދު ޖޭއެސްސީ ސުލޫކީ ފިޔަވަޅު އެޅީ "ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާ" ކަމަށް ވިދާޅުވެ ދިޓީވީ އަށް އިންޓަވިއު ދީފައިވާ ކަމަށް ބުނެ އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ އެ މައްސަލާގައި އާދަމް ހަލީމް އެއްބާރުލެއްވުން ނުދެއްވި ނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.