03 Feb 2013, 12:26
ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ޓެރަރިޒަމުގެ މައްސަލައިގެ ހުކުމް މިމަހުގެ 24 ވަނަ ދުވަހު އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މިއަދު އޮތް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް މިއަދު ނަގައި ނިމިފައިވާތީ އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމުގެ ޝަރީއަތުގެ މަޖިލީސް މި މަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެއަށް ފަހު މިމަހުގެ 24 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޝަހުމުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސޯޝަލް ސެންޓަރުގެ ފުރަގަހުގައި އޮންނަ "މާޒިޔާ ދަނޑުގައި" ކުޅުނު ފުޓުބޯޅަ މެޗު ބަލާން ތިބި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި އެތަނުގައި ތިބި ބަޔަކަށް ތޫނުއެއްޗަކުން ޝަހުމް ހަމަލަ ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އެ ދުވަހުގެ މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން 19، ވަނީ މަރުވެފަ އެވެ.
މިއަދު ނަގާފައި ވަނީ އެދުވަހު ތޫނުއެއްޗަކުން ހަމަލާދިނުމުން އަނިޔާ ލިބުނު ލ. ގަން ތުނޑި ސްނޯރޯސް މާދިހު މުހައްމަދުގެ ހެކި ބަހެވެ.
ހެކި ބަސް ދެމުން އޭނާ ބުނީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެދުހު ކަން ހިނގައި ދިޔަ ގޮތް މިހާރު ހަނދާނެއް ނެތްކަމަށެވެ. އަދި އެ ދުވަހު މެޗު ކުޅެމުން ދިޔަ ވަގުތު އެތަނަށް ދިޔަ ޕީޓްރަލް މީހުންގެ ތެރޭގައި ޝަހުމް ހުރިކަމަށާއި ނަމަވެސް އޭނާ މީހަކަށް ހަމަލަ ދިން ތަނެއް އަދި އޭނާގެ އަތުގައި ތޫނު އެއްޗެއް އޮތް ތަނެއް ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މާދިހުއަކީ ވެސް ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް ޝަރީއަތަށް ސާބިތުވުމުން އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ.