03 Feb 2013, 12:09
ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ރާއްޖެއާ ގުޅިގެން އިނގިރޭސިވިލާތުން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އަންޑާ ސެކްރެޓަރީ އެލިސްޓެއާ ބާޓް ވިދާޅުވެއްޖެ އެވެ.
އެލިސްޓެއާ ބާޓް އޭނާގެ ޓުވިޓާ އެކައުންޓްގައި އިއްޔެ ވިދާޅުވެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި މުއައްސަސާތަކެއް އުފެއްދުމަށް އިނގިރޭސިވިލާތުން ރާއްޖެއާ އެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ބައެއް ބޭފުޅުންނާ އެ ޕާޓީގެ އޮފީހުގައި އިއްޔެ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުއާއި އެ ޕާޓީގެ އިސްބޭފުޅުން އިނގިރޭސިވިލާތުގެ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އެލިސްޓެއާ ބާޓްއާއި އެ ގައުމުން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮބީ ބްލޮޗްއާ އިއްޔެ ބައްދަލުކުރެއްވި ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވުމުގެ މުހިއްމު ކަމާއި އިންތިހާބުގެ ކުރިން އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ވެސް އެޕާޓީން ބުންޏެވެ.
ރާއްޖެއާ ބެހޭ ގޮތުން ޓުވިޓާގައި ބާޓް އަދި ވިދާޅުވެފައި ވަނީ ކުރިއަށް ދިއުމަށް ޓަކައި ރާއްޖެ އަށް އޮތް އެންމެ ރަނގަޅު މަގަކީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކެއްގެ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދިނުން ކަމަށެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް މިއަހަރު ބާއްވައި، ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީއަކަށް ވެސް ދިނުމަކީ ކުރިއަށް ދިއުމަށް އޮތް އެންމެ ރަނގަޅު މަގު." އެލިސްޓެއާ ބާޓް ޓްވިޓާގައި ވިދާޅުވެފައިވެ އެވެ.