ރާއްޖެ އަށް މަސައްކަތްކުރަން އަންނަ ޕްރޮފެޝަނަލް ދާއިރާތަކުގެ ބިދޭސީންނަށް ފީ އަކާ ނުލައި ވޯކް ވިސާ އަށް ބަދަލުވެވޭ ގޮތަށް ބިޒުނަސް ވިސާ ދޫކުރަން ފަށައިފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ "ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގޮތަށް ވިސާ ދޫކުރުމަށް ނިންމާފައި ވަނީ ލޭބާ ޑޭޓާބޭސް މެދުވެރިކޮށް ދެމުން ދިޔަ ވޯކްޕާމިޓްއާ ގުޅުންހުރި ހިދުމަތްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހުއްޓާލައި އެ ހިދުމަތްތައް އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ދެމުންދާ އިރު އޮންލައިނަށް ސިސްޓަމް ރަނގަޅަށް ކުރިއަށް ނުގެންދެވޭތީ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ ސިސްޓަމް ރަނގަޅަށް ކުރިއަށް ނުގެންދެވިގެން. އެހެން ވީމާ ކޯޓާ ނުދެވެންޔާ ވޯކްޕާމިޓެއް ނުދެވޭ. ވޯކް ޕާމިޓް ނުދެވެންޏާ މީހަކު އެތެރެކުރުމަށް ހުއްދައެއް ނުދެވޭނެ. މި ޑިފިކަލްޓީ ޓޫރިޒަމް އިންޑަސްޓުރީއާއި އަދިވެސް އެހެން ދާއިރާތަކުގެ ޕްރޮފެޝަނަލް ދާއިރާތަކުން މީހުންގެންނަން ދަތިވަނީ. އެހެންވެ މިބުނަނީ މިކެޓެގަރީގައި ޕްރޮފެޝަނަލް ދާއިރާ އަށް މީހުން ގެންނާށޭ ބިޒުނަސް ކެޓަގަރީގައި،" ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ކޮންޓުރޯލާ ވިދާޅުވީ ބިޒުނަސް ވިސާ ދޫކުރަން ޖެހުނީ އިމިގްރޭޝަނުން ބޭނުންކުރަމުންދާ ސިސްޓަމްގެ މައްސަލަ ހުރުމުން ކަމަށެވެ. އެހެންކަމުން އާންމު އުސޫލެއްގެ ގޮތުން ބިޒުނަސް ވިސާގައި ރާއްޖެ އަންނަ ބިދޭސީން 6000ރ. ދެއްކުމުން ވޯކް ވިސާ އަށް ބަދަލުކޮށްދިން ނަމަވެސް މި މަހުގެ 28ގެ ނިޔަލަށް މިފަހަރު ދޫކުރާ ބިޒްނަސް ވިސާތައް ފީއަކާ ނުލައި ބަދަލުކުރެވޭނެ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.

ފީ އަކާ ނުލައި ވޯކް ވިސާއަށް ބަދަލުވެވޭ ގޮތަށް ބިޒުނަސް ވިސާ ދޫކުރަން ނިންމާފައިވާ ބިދޭސީންގެ ތެރެއިން ޕުރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަކަށެވެ. އޭގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އެކައުންޓެންޓް ނާއި ޕްރޮރޮފެޝަނަލް ޓީޗަރުން ފަދަ ފަރާތްތަކެވެ.