22:36


ސޯލާޕެނަލް ހަރު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މުލީއާގޭ ފުރާޅަށް މާދަމާ ހެނދުނު އަރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.


ރައީސް ނަޝީދު މުލީއާގޭ ފުރާޅަށް އަރާވަޑައިގަންނަވަން ކުރިން ހަމަޖެހިފައި އޮތީ މި އަހަރުތެރޭގައި އަންނަ އެންމެ ތާރީހު ރީތި ދުވަސް ކަމަށްވާ 10-10-10ގަ އެވެ.


ޕްރެސް ސެކްރެޓެރީ މުހައްމަދު ޒުހައިރު ވިދާޅުވީ ރައީސް މާދަމާ "ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު"، މުލީއާގޭ ފުރާޅަށް އަރައިވަޑައިގަންނަވަން ހަމަޖެއްސެވީ މޫސުމީ ގޮތުން އަތްވާ ދިމާ ކުރެއްވުމުގެ ގޮތުން ކަމަށާއި ތާރީހު އަވަސްކޮށް މާދަމާ ހެނދުނަށް އަވަސް ކުރެއްވީ އެކަން ކުރައްވާ އެމެރިކާގެ ކުންފުނިން ކަމަށެވެ.
"މާދަމާ ހެދުނު 8:00 އާއި 9:00 އާ ދެމެދުގެ ގަޑިއެއްގައި (ރައީސް) ފުރާޅަށް އަރާވަޑައިގަންނަވާނެ. އެކަން ކުރިޔަށް ގެންދާނީ ސިފައިންގޭ އެސްޕީޖީ (ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް) އާއެކު،" ޒުހައިރު ވިދާޅުވި އެވެ.


 ކާބަން ނިއުޓްރަލް ނުވަތަ 100 ޕަސަންޓް އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރާ ފުރަތަމަ ރިޔާސީ ގަނޑުވަރަށް މުލީއާގެ ހެދުމަށްޓަކައި، އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ ސަންގެވެޓީ ކުންފުނިން ވަނީ، 30000 ޔޫއެސް ޑޮލަރުގެ އަގުހުރި ސޯލާ ޕެނަލްތަކެއް ރައީސް ނަޝީދަށް ހަދިޔާކޮށްފަ އެވެ. ފަންސަވީސް އަހަރުގެ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އެ ޕެނަލްތަކުން، މި މުއްދަތުގެ ތެރޭގައި، ކަރަންޓު ޚަރަދު އެއް ލައްކަ ޑޮލަރަށް ކުޑަކޮށްދޭ ކަމަށް ވެއެވެ.


ޒުހެއިރު ވިދާޅުވެފައި ވަނީ، އެ ޕެނަލްތައް ހަރުކުރެއްވުމަށް، މުލިއާގޭ ފުރާޅަށް ރައީސް ނަޝީދު މާދަމާ އަރައިވަޑައިގަންނަވާނީ ކަމަށް އެކަށީގެންވާ ހެދުންކޮޅެއް ތުރުކުރައްވާ، ތޮތްޕެއް އަޅުއްވައިގެން ކަމަށާއި ޕެނަލްތައް ހަރުކުރެއްވުމުގައި އަމަލީ ގޮތުން އުޅުއްވާނީ ރައީސް ކަމަށެވެ.


ރައީސް ނަޝީދަކީ މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި މޫސުމީ ބިޔަ ސަމިޓުގެ ކުރިން ދުނިޔެއިން ފާހަގަކުރި 350 ކެމްޕޭނުގައި ވެސް އެންމެ "ވިދާލި" ޝަޚްސިއްޔަތެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހު ދުނިޔޭގެ ގިނަ ބައެއްގެ ލޯތައް ރާއްޖެއަށް ހުއްޓިގެންދިޔައީ، ރައީސް ނަޝީދު އެމަނިކުފާނުގެ ކެބިނެޓާއެކު މޫދު އަޑީގައި ބޭއްވެވި ތާރީހީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ސަބަބުންނެވެ.


އެމެރިކާގެ ސަންގެވިޓީން ރައީސް ބަރަކް އޮބާމާއަށް ހަދިޔާކުރެއްވި ސޯލާ ޕެނަލްތައް ވައިޓް ހައުސްގައި ހަރުކުރުމަށް އޮބާމާ ވަނީ ދެކޮޅުހައްދަވާފަ އެވެ.