ހުސްވި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު ނައިޖީރިއާ ޑިފެންޑަރު ކުދޫސް ކެލާނީ މި އަހަރު ބީޖީ ސްޕޯޓްސް ކުލަބަށް ކުޅެން ސޮއިކޮށްފި އެވެ.

ކެލާނީ ބީޖިއަށް ކުޅެން މިދިޔަ ހުކުރު ދުވަހު ސޮއި ކުރުމަށް ފަހު، މިއަދު ސަންއޮންލައިނަށް ދިން އިންޓަވިއުގައި ބުނީ، ބީޖީއާ އޭނަ ގުޅުނީ އެކުލަބުގެ ހުށަހެޅުންތަކާއި ހިތްހަމަޖެހޭތީ އެވެ. އަދި ކުރީގެ ކުލަބު ނިއުއިން އޭނަ އަށް ދިން އެއްބާރު ލުމާމެދު ސުކުރު އަދާ ކުރަން ބޭނުން ވާކަމަށް ވެސް އޭނަ ބުންޏެވެ.

"އަހަރެން ބީޖީއާ ގުޅުނީ އެއް އަހަރު ދުވަހަށް. ބީޖީން އަހަރެންނަށް ރަނގަޅު އޮފާއެއް ލިބުނު. އަހެރެން މިހިރީ މިއަހަރުގެ ސީޒަނުގައި ބީޖީއާ އެކު ވަރަށް ހިތް ހަމަޖެހިގެން. އަހަރެން މިހާރު ބީޖީގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަން،" ކެލާނީ ބުންޏެވެ.

ކެލާނީ ބީޖީއަށް ސޮއިކުރި އިރު، އޭނަ ވަނީ މިދިޔަ ސީޒަނުގައި ނިއުއަށް ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އެކުލަބުގައި އަދާކޮށްފަ އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާގޮތުން، ކެލާނީ ނިއު ދޫކޮށް ބީޖީއާ ގުޅުނީ ނިއުއިން އޭނަ ދޫކޮށްލުމުންނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާ ބީޖީން ކުރިމަތި ލާއިރު، މީގެ ކުރިން އެ ޓީމަށް ކުޅެން އެއްބަސްވެ ސޮއި ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމް އަދި ވީބީގެ ކެޕްޓަން އައްސަދު (އަޑުބަރޭ) އާއި އަހުމަދު އަޝްފާނާއި އާދަމް ފަޒީހް (ފަޒިއްކޮ) އާއި ފަރުހާދު އިސްމާއީލް އަދި ނިއުގެ މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި އީގަލްސްގެ ކީޕަރު މުހައްމަދު ޔަމާނާއި ވިކްޓަރީ އަށް ކުޅުނު މުހައްމަދު ޝައްފާޒު (ސައްޕޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާނާއި ވިޔަންސާގެ މަޒުހަރު އަބުދުﷲ އާއި ހުސްވި ސީޒަނުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި އިބްރާހީމް އިފްރާހު އަރީފާއި ވިކްޓަރީއަށް ކުޅުނު ޑިފެންޑަރު އިބްރާހީމް ޝިނާޒާއި ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު އަދި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) ހިމެނެ އެވެ.

މި އަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ބީޖީގެ ފަރިތަކުރުންތައް ފަށާފައިވާ އިރު، އެ ޓީމުގެ ހެޑް ކޯޗަކީ މުހައްމަދު ޝާޒްލީ އެވެ. އަދި އޭނަގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސީ އެފްއޭއެމްއިން އެންމެ ފަހުން ބޭއްވި އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ސަން ޓީމަށް ކޯޗް ކޮށްދިން ވިކްޓަރީގެ ކުރީގެ ޑިފެންޑަރު އިސްމާއިލް އަނިލެވެ