އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބަޑިޖައްސަވަން ހުންނަވާ މަންޒަރު ދައްކައިދޭ ފޮޓޯއެއް ވައިޓް ހައުސް އިން ފްލިކާގައި އާންމު ކޮށްފި އެވެ.

ފޮޓޯގައި އޮބާމާ ފެންނަނީ ޖީންސަކާއި ޕޯލޯ ޓީޝާޓެއް ތުރުކުރަށްވައިގެން އަވިއައިނެއް އަޅުއްވައިގެން އަދި ކަންފަތުގައި "އިއާޑިފެންޑާ"އެއް އަޅުއްވައިގެން ދުން އަރައަރާ ހުރި ބަޑިއެއް ކޮންމެވެސް ދިމާއަކަށް އަމާޒުކުރަށްވައިގެން ހުންނަވާ މަންޒަރެވެ. އެ ފޮޓޯ ނަގާފައި ވަނީ 4 އޯގަސްޓް 2012ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޮބާމާގެ އެ ފޮޓޯ ނަގާފައި ވަނީ، އެމެރިކާގެ މޭރީލޭންޑްގެ ރިޓްރީޓެއް ކަމަށްވާ ކޭމްޕް ޑޭވިޑްގައި "ސްކީޓް-ޝޫޓިން" ނުވަތަ ކުލޭ ހަންޓިންގައި ހުންނަވަނި ކޮށެވެ.

އޮބާމާ ޝޮޓްގަންއެއް ގެންގުޅުއްވާ މަންޒަރު ދައްކައިދޭ ފޮޓޯއެއް އާންމުކޮށްފައި މިވަނީ އެމެރިކާގައި އާންމުން ޝިކާރަކުރުމަށާއި ހަށިރައްކަލަށް ބަޑި ގެންގުޅުން ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން ބާއްވާ ފަޔައާމް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ މިނެސޯޓާ ސްޓޭޓްގެ މިނިއެޕޮލިސް އަށް މާދަމާގެ ވަގުތެއްގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ހުސްވި މަހު ޕްރެޒިޑެންޓް އޮބާމާ ވަނީ އެގައުމުގައި އާންމުންގެ ޝިކާރަކުރުމަށާއި އަދިވެސް އެފަދަ ސަގާފީ ބޭނުންތަކަށް ބަޑިގެންގުޅުމުގެ ހުއްދަ ދިނުމުގެ ގަވާއިދުތައް ހަރުދަނާކޮށް އެސޯލްޓް ރައިފަލް ވިއްކުން މަނާކުރުމާއި އަދި ޝޮޓްގަން ގަންނަ ފަރާތްތަކުގެ ފަތިފުއް ކުރިއަށް ވުރެ ބޮޑަށް ބަލައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ބެހޭ ޕްރޮޕޯސަލްއެއް ހުށަހަޅާފަ އެވެ.

އާންމުން ހަތިޔާރު ގެންގުޅުމާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް އޮބާމާ ހުށަހަޅުއްވާފައި ވަނީ ޕްރައިމަރީ ސްކޫލެއްކަމަށްވާ ސެންޑީ ހޫކްގައި ޑިސެންބަރު 14 ވަނަ ދުވަހު މީހަކު ދިން ބަޑީގެ ހަމަލާއެއްގައި 20 ކުދިންނާއި ބޮޑެތި ހަ މީހަކު މަރާލުމުގެ ހާދިސާއާ ގުޅިގެންނެވެ.

މިނެސޯޓާގައި ކުރިއަށް ގެންދާ ފަޔައާމް ޑިބޭޓްގައި ބަޑިން ހަމަލާ ދީގެން އެގައުމުގައި ހިންގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމާއި ސްކޫލްތަކުގެ ސަލާމިތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި އަދި މެންޓަލް ހެލްތު ސްކީމް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ބަހުސު ހުރަށްވާނެ އެވެ.

އެމެރިކާގައި މިފަހަކަށް އައިސް އާންމުން ބަޑިންދޭ ހަމަލާތަކުގައި މަރާލެވޭ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނެ އެވެ.