މި އަހަރުގެ ރިޔާސީ އިންތިހާބު އަަންނަ ސެމްޓެމްބަރު 7ގައި ބޭއްވުމަށް ނިންމައި އެ ތާރީހުގައި އިންތިހާބު ބޭއްވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ 7 ސެޕްޓެމްބަރު 2013ގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އިންތިހާބުގައި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ދެ ވަނަ ބުރެއް ބާއްވާނީ ސެޕްޓެމްބަރު، 28 2013ގައި ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅި ނަމަވެސް އިންތިހާބު އިއުލާން ކުރާނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް އިންތިހާބަށް 120 ކުރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު ފުރަތަމަ ބުރު ބާއްވަން ކަނޑައަޅާފައި ވަނީ އޮގަސްޓް މަހުގެ 26ގައި، ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ ދުވަހު [އިންތިހާބު] ބޭއްވުމުގައި ދަތިތަކެއް އެބަހުރި އެހެންވެ މިހާރު ކޮމިޝަނުން ނިންމާފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު ހަތެއްގައި ބާއްވަން. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ތިން ހަފްތާވާ ދުވަހު ބާއްވާނީ. ރިޔާސީ އިންތިހާބުގެ ތާރީހެއް އަޅުގަނޑުމެން ކަނޑައެޅި ނަމަވެސް އިންތިހާބް އިޢުލާންކޮށް، ކެނޑިޑޭޓުން ކުރިމަތިލާން އިޢުލާންކުރާނީ އިންތިހާބަށް 120 ދުވަހަށް ވީމަ." ފުއާދު ވިދާޅުވި އެވެ.

އިލެކްޝަނުން ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާފައިވާ އިރު މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ވީހާ ވެސް އަވަހަކަށް އިޢުލާންކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަނީ ގޮވާލައްވައިފި އެވެ.

ރައީސް ވަހީދުގެ އަމިއްލަފުޅު ޓުއިޓާ އެކައުންޓްގައި ރޭ ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަކީ ވީހާ ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބް ބޭއްވުމުގެ ތައްޔާރީތައް ވަމުން ގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެކޮމިޝަނަށް މި އަހަރު ކަނޑައަޅާފައިވާ ބެޖެޓުގެ ދަތިކަމެއް އުޅޭ ކަން އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް އެކޮމިޝަނަށް އިތުރު ފައިސާ ނުލިބިއްޖެ ނަމަ އިންތިހާބު ނުބޭއްވާނެ ކަމަށާއި ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގަ އާއި ދެވަނަ ބުރުގައި 55-60 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިތުރަށް ބަޖެޓް ނުދީފި ނަމަ ރިޔާސީ އިންތިހާބުގެ އެންމެ ބުރެއް ވެސް ނުބޭއްވޭނެ، މިދިޔަ އަހަރުގެ ބަޖެޓްގައި ހަމައެކަނި އޮފީސް ހިންގުމުގެ ހަރަދަށާއި ބައި- އިލެކްޝަންތައް ބޭއްވުމަށް 52 މިލިއަން ވަނީ ހަރަދުވެފައި. މި އަހަރު ވެސް އެ ހަަރަދުތައް އެގޮތަށް ދާނެ، އޭގެ އިތުރުން ރިޔާސީ އިންތިހާބް ބޭއްވުމާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަކީ އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ކުރަން އޮތް މަސައްކަތް. އެހެންވެ ދައުލަތުން އެ ފައިސާ ދޭނެ ކަމަށް ބަލައިގެން ރިޔާސީ އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ އެކޮމިޝަންގެ ބަޖެޓްގެ ގޮތުގައި 159 މިލިޔަން ރުފިޔާ ހޯދުމަށް ހުށަހަޅާފައިވާ އިރު އެކޮމިޝަންގެ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖުމްލަ 59 މިލިއަން ރުފިޔާ އެވެ.