ދެ ގާޒީއަކު ރިޝްވަތު ހިފާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސެއިން ރަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެ ގާޒީން ރިޝްވަތުހިފާފައިވާތޯ އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީން) ބަލަން ފަށައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ޝެއިހް ހުސެއިން ރަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ގާޒީންގެ މައްސަލަ އޭސީސީ އިން ބަލަމުން ގެންދަނީ އެއްވެސް ފަރާތަކުން ހުށަހަޅައިގެން ނޫން ކަމަށާއި އެކޮމިޝަނުން އިސްނަގައިގެން ކަމަށެވެ.

އަދި އެ މައްސަލަ ބަލަން ފެށުމަށް ފަހު ހުސެއިން ރަޝީދުއާ އެ ކޮމިޝަނުން ސުވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ގާޒީއަކު މީހެއްގެ އަތުން ރިޝްވަތު ހިފިކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެ ހުސެއިން ރަޝީދު އާންމު ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަޅުގަނޑުމެން މި ކޮމިޝަނުން މިދަނީ އެ މައްސަލަ ބަލަމުން. އެ މައްސަލައިގައި މިހާރު ޝެއިހް ހުސެއިން ރަޝީދުއާ ސުވާލުކޮށްފައި ވާނީ،" ލުތުފީ ވިދާޅުވި އެވެ.

އެމްޑީޕީން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސެއިން ރަޝީދު ވިދާޅުވެފައި ވަނީ ވިޔަފާރިވެރިއެއްގެ މައްސަލައެއް ނިންމުމަށް އެކަކު އަތުން ހަތް ލައްކަ ޑޮލަރު (10.8 މިލިޔަން ރުފިޔާ) އަދި އަނެއްކެއްގެ އަތުން ދެ ފަހަރެއްގެ މަތިން 50،000 ޑޮލަރު (ޖުމްލަ 1.5 ރުފިޔާ) ދެ ގާޒީއަކު ނަގާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.